ޚަބަރު

ތުރުކީގައިވެސް 15 އަހަރުން ދަށުގެ ކުޑަކުދިންނަށް މީސްމީޑިޔާ މަނާކޮށްފި


ތުރުކީވިލާތުގައި މީސްމީޑިޔާ ބޭނުންކުރާ މީހުންގެ އުމުރު ކަަށަވަރު ކުރަން ޖެހޭނެ ކަމަށާއި، އުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިންނަށް މީސްމީޑިޔާގެ މަންސަތަކަށް ޚިދުމަތް ނުދެވޭނެ ކަމަށް ކަނޑައަޅައިފިއެވެ.

ތުރުކީވިލާތުގެ ރަސްމީ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އައު ޤަވާއިދުގައި ބުނީ މީސްމީޑިޔާ ބޭނުންކުރާ މީހުންގެ އުމުރު ކަށަވަރު ކުރާނީ ސަރުކާރުގެ އީ-ޑެވްލްޓް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. 15 އަހަރުން ދަށުގެ ކުޑަކުދިންނަށް ޚިދުމަތް ނުދެވޭނެ ކަމަށާއި، 15 އަހަރު ފުރިފައިވާ ކުދިންނަށް މީސްމީޑިޔާ ބޭނުން ކުރެވޭނީ އެ ކުދިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާޢީ ކުރިއެރުމަށް ބުރޫނާރާނެހެން ކަމަށް ވެސް އެ ޤަވާއިދުގައި ބުނެފައިވެއެވެ.

އައު ޤަވާއިދުގެ ދަށުން އުމުރުން 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިންގެ އެކައުންޓުތައް ހުޅުވާއިރު ވެސް ހުންނަންވާނީ ޚާއްޞަ ޕްރައިވެސީ ސެޓިންގތަކެއް ހެދިފައި ކަމަށް ބަޔާނުގައި ބަޔާންކޮށްފައިވެއެވެ. އެ ގޮތުން ފްރެންޑު ރިކުއެސްޓު ފޮނުވުމުން އެ ރިކުއެސްޓު ބަލައިގަނެގެން ނޫނީ އެ ކުދިންގެ ޕްރޮއިލް ބެލިގެން ނުވާނެ ކަމަށާއި، ކުޑަކުދިންގެ އެކައުންޓުތަކުން ލައިވް ބްރޯޑްކާސްޓު ނުކުރެވޭނެ ކަމަށާއި، ކުދިންނަށް އަމާޒުކޮށް ޚާއްޞަ އިޝްތިހާރުތައް ވެސް ނުދެއްކޭނެ ކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ކުދިންނަށް މެސެޖު ކުރެވޭނީ އެ ކުދިން ފޮލޯ ކުރާ އެކައުންޓުތަކަށް އެކަނި ކަން ވެސް މީސްމީޑިޔާ ކުންފުނިތަކުން ކަށަވަރު ކުރަން ޖެހެއެވެ. އޭގެ އިތުރުން އެ ކުދިންގެ ފޮލޯވަރުންނާއި ފޮލޯ ކުރާ މީހުންގެ ލިސްޓު ހުންނަންވާނީ އާންމުކޮށް ނުފެންނަ ހެން ކަމަށް ވެސް ޤަވާއިދުގައި ބުނެފައިވެއެވެ.

މި ޤަވާއިދަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 1ވަނަ ދުވަހުއެވެ. މިހާރު ހުޅުވާފައިވާ އެކައުންޓުތައް ބޭނުންކުރާ މީހުންގެ އުމުރު ކަށަވަރުކުރުން 2027ވަނަ އަހަރުގެ މާރިޗު މަހުގެ 31ވަނަ ދުވަހުގެ ކުރިން ފުރިހަމަ ކުރަން ޖެހެއެވެ. އަދި އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ އެކައުންޓުތައް ފާހަގަވުމުން އެ އެކައުންޓުތައް ބަންދުކުރާނެއެވެ.