ކޯވިޑް-19 ގައި ފާއިތުވި ސައުވީސް ގަޑިއިރު ރެކޯޑު ޢަދަދަކަށް މީހުން މަރުވެ އެމެރިކާގައި މިބަލި ޖެހުނު މީހުންގެ ޢަދަދު ހަތަރު ލައްކައަށް އަރައިފިއެވެ. އިއްޔެ އެކަނިވެސް އެމެރިކާއިން 1970 މީހުން މަރުވެފައިވާކަމަށް ރެކޯޑުތަކުން ދައްކައެވެ. މިއީ އެއްދުވަހެއްގައި މިހާ ގިނަ ޢަދަދެއްގެ މީހުން އެމެރިކާއިން އެންމެގިނަ މީހުން މަރުވި ދުވަހުގެ ގޮތުގައިވަނީ ރެކޯޑުކުރެވިފައެވެ.
އެމެރިކާގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުގެ ޢަދަދު މިހާރު ވަނީ ހަތަރުލައްކަ ހަތަރުސަތޭކަ ބާރައަށް އަރާފައެވެ. އެމެރިކާގައި މިބަލީގައި މިހާތަނަށް މަރުވި މީހުންގެ ޢަދަދު ވަނީ ބާރަހާސް އަށްސަތޭކަ ނުވަދިހަ ފަހަކަށް އަރާފައެވެ. އެޤައުމުގައި މި ބަލީގެ ހާލަތު ގޯސް ސްޓޭޓްތަކުގައި ހޮސްޕިޓަލްތަކުގެ އިންޓެންސިވްކެއަރތައް ފުރި ބަލިމީހުން ވެއްދޭނެ ޖާގަވަނީ ހުސްވެފައެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ސިފައްކުރައްވާފައިވަނީ މި ހަފްތާއަކީ އެޤައުމަށް ހިތްދަތި ހަފްތާއެކެވެ.
އެމެރިކާގައި މިބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ ނިއުޔޯކް ސިޓީގައެވެ. އަދި ވޮޝިންގްޓަން ޑީސީއާއި، ޑެޓްރޮއިޓް އާއި ނިއުއޯލީންސް ފަދަ ސަރަހައްދުތަކުގައިވެސް ކޯވިޑް-19 ބަލިޖެހޭ މީހުންނާއި، މަރުވާ މީހުންގެ ޢަދަދު އަދިވެސް ދަނީ އިތުރުވަމުންނެވެ.
ކޯވިޑް 19 މިހާތަނަށް ދުނިޔޭގެ 209 ޤައުމަކާ ޓެރިޓަރީއަކުން ފެނިފައިވާއިރު މިބަލި ޖެހިފައިވާ މީހުންގެ އަދަދުވަނީ 1,431,706 އަށް އަރާފައެވެ.