ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެގޮތުން އިތުރު 1 ހަފުތާގެ މުއްދަތަށް ނޭޕާލު ފުރަބަންދުކޮށްފިއެވެ. އެޤައުމުން އެގޮތަށް ނިންމީ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ ރިޔާސަތުގައި އިންނަވައިގެން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
1 ހަފުތާގެ މުއްދަތަށް އެންމެ ފުރަތަމަ ނޭޕާލު ފުރަބަންދުކުރީ މާރޗު މަހުގެ 24ވަނަ ދުވަހުއެވެ. އަދި އެމުއްދަތުވަނީ އޭގެ ފަހުން އޭޕްރިލް މަހުގެ 7ވަނަ ދުވަހަށް އިތުރުކޮށްފައެވެ. ނޭޕާލުގެ ފުރަބަންދުގެ މުއްދަތު މިހާރު އިތުރުކޮށްފައިވަނީ އޭޕްރިލް މަހުގެ 15ވަނަ ދުވަހަށެވެ. އެނިންމުމުގެ ސަބަބުން އެޤައުމުން ބޭރަށް ނުފުރި ތާށިވެފައިވާ އެތައް ހާސް ބަޔަކަށް އެކަމުގެ އަސަރުކުރާނެއެވެ.
ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19 އެންމެ ފުރަތަމަ ފެނުނީ ނޭޕާލުންނެވެ. ޖުމްލަ 9 މީހަކަށް ނޭޕާލުގައި ކޯވިޑް-19 ޖެހުނެވެ. އޭގެ ތެރެއިން 8 މީހަކުވަނީ ފަރުވާއަށްފަހު ދޫކޮށްލާފައެވެ.