ކޮވިޑް-19އާ ގުޅިގެން ދިރިއުޅުމުގެ ވައްޓަފާޅިއަށް މިވަނީ ވަރަށްބޮޑު ބަދަލުތަކެއް އައިސްފައެވެ. އެކި ގޭބިސީތަކުގައި ދިރިއުޅޭ ޢާއިލާ މީހުންނާއި އެކުވެރިން އެއްވެ ވަގުތު ހޭދަކުރުން މިހާރު ނުރައްކަލެވެ.
ދިރިއުޅެން ޖެހިފައިމިވަނީ އިޖުތިމާޢީ ގައިދުރުކަމުގައެވެ. ޢާންމު ދިރިއުޅުމުގައި ކުރިން ކުރި އެތަށްކަމެއް މިހާރު މިވަނީ ހުއްޓާލަންޖެހިފައެވެ. ގޭގެއަށް ޒިޔާރަތްކުރުމާއި ފިނި ބުރުޖެހުމާއި ކޮފީބޯން ތަންތަނަށް ދިއުމާއި ޕާކުތަކާއި ފިނި މައިޒާންތަކުގައި ވަގުތު ހޭދަކުރުން މިވަނީ ބިރަކަށް ވެފައެވެ.
ކޮންމެއަކަސް ކޯވިޑް-19އާ ގުޅިގެން މުޅި ދުނިޔެއަށް ކުރިމަތިވެފައިމިވާ ޚާއްޞަ ޙާލަތުގައި ނަފްސާނީ ގޮތުން އެންމެންނަށްވެސް އަސަރުތަކެއް ކުރާނެއެވެ. ލޯބިވާ މީހުންނާއި ރައްޓެހިން ނުފެނި ތިބެން ޖެހުމުން ދެރަވެ ކަންބޮޑުވާނެއެވެ.
މި ކަންބޮޑުވުމާއި ނުތަނަވަސްކަމަށް ކޮންމެވެސްވަރެއްގެ ޙައްލެއް ހޯދިދާނެ މަގެއް އެބައޮތެވެ. ދުނިޔޭގެ އެތައްބަޔަކު މިވަގުތު އިޚްތިޔާރުކޮށްފައިވަނީވެސް މިމަގެވެ. ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރިއަރާފައިވާ މިޒަމާނުގައި މިފަދަ ޙާލަތެއްގައި ބޭނުން ހިފިދާނެ ކިތަންމެ ވަޞީލަތެއް އެބަހުއްޓެވެ.
ކޮންމެ މީހެއް އަތުގައިހެން މިހާރު ސްމާޓު ފޯނެއް އޮންނާނެއެވެ. ވީޑިއޯ ކޯލްތަކާއި ވިޑިއޯ ޗެޓްކުރުމަށް ޚާއްސަ އެތައް އެޕްލިކޭޝަން ހުރެއެވެ. މީގެ ބޭނުން ހެޔޮގޮތުގައި ހިފިދާނެއެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ އެތައްބަޔަކު މިހާރު ވަނީ މި އޮންލައިން ދުނިޔެއަށް ހިޖުރަކޮށްފައެވެ.
ގޭގައި ތިބޭއިރު ދުރުތާތިމާގެ މީހުންނާއި ރައްޓެހިންނާ ފޯނުން ގުޅާލައި މެސެޖުކޮށްލެވިދާނެއެވެ. ވީޑިއޯ ކޯލްގެ ޒަރިއްޔާއިން އެކި ގޭގޭގެ މާޙައުތައް ބާލާލައި ގުޅުން ބަހިކުރެވިދާނެއެވެ. މާޔޫސްކަން ފިލުވާލުމަށް އެކިކަންކަމުގައި ގޭތެރޭގައި ބިޒީވެ އުޅުމުގެ އިތުރުން، ފޭސްބުކް މެސެންޖަރ، ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް، ސްނެޕްޗެޓް މެދުވެރިކޮށް ދޭދޭގުޅުން ބޭއްވޭނެއެވެ.
މިދެންނެވި ވަޞީލަތްތަކު ހަމައެކަނި ކުރެވޭނީ ކޯލެއް ނޫނެވެ. ތަފާތު އެކި ގޭމުތައްވެސް ކުޅެންވީއެވެ. އޮންލައިން ޗެލެންޖުތަކުގައިވެސް ބައިވެރިވާންވީއެވެ. މީގެކުރިން ވަގުތު ނުވެގެން ގުޅާނުލެވި ހުރި މީހުންނާއި ގުޅަންވެސްވީއެވެ. އޮންލައިން މަންސަތަކުން ބަލައިގެން އެކިކަލަ އައު ހުނަރުތަށް ދަސްކުރަންވެސްވީއެވެ.
މިދެންނެވީ ހައްތަހާވެސް ގޭގައި ތިބެގެން އޮންލައިންކޮށް ކުރެވުދާނެ ކަންކަމެވެ. ބަދަހިކުރެވިދާނެ ގުޅުންތަކެވެ.