ޚަބަރު

ކޯވިޑް-19: ދަނޑުވެރިން ހައްދާ ތަކެތި ވިއްކޭނެ މަގު ސަރުކާރުން ފަހިކޮށްދެނީ


ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވަމުންދާ ބޮޑު ލޮޅުމުން އަރިގަތުމަށްޓަކައި ރާއްޖެއިން އަމިއްލަ އުފެއްދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަމާއި މަސްވެރިކަން އިތުރަށް ފުޅާކޮށް ހިންގުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ދަނޑުވެރިންނާއި މަސްވެރިންގެ އުފެއްދުންތައް ސަރުކާރުގެ ކުންފުނިތަކަށް ވިއްކޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.

ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ ދުނިޔޭގެ އެއްވެސް ޤައުމަކުން މިހާލަތަށް އަންނާނެކަމަށް ޤަބޫލުވެސް ނުކުރާކަމަށެވެ. ނަމަވެސް މިއީ ރާއްޖޭގެ ރައްޔިތުންނަށް އިޤްތިޞާދުކުރުމަށް އޮތް ފުރުޞަތެއްކަމަށެވެ. އެގޮތުން މިކަމުން އަރައިގަތުމަށްޓަކައި ރާއްޖޭގައި ޒަމާނުއްސުރެއް ކުރަމުންދިޔަ ދަނޑުވެރިކަން އިހުނަށްވުރެ ބާރަށް ކުރުމަށް މިނިސްޓަރވަނީ ގޮވާލައްވާފައެވެ. މިނިސްޓަރ ވަނީ މިހާލަތުގައި ދަނޑުވެރި ރަށްތަކުންނާއި، ދަނޑުވެރިކަން ކުރާ ފަރާތްތަކުން ލޯނު ނަގައިގެންނާއި، އެނޫންވެސް ގޮތްގޮތުން ދަނޑުވެރިކަން ފުޅާކުރުމަށް އެދިވަޑައިގެންފައެވެ.

ސަރުކާރުން މަސައްކަތް ކުރަނީ ދަނޑުވެރިންނަށް ލުއިގޮތްތަކެއް ހޯދައި އެކަންކުރެވޭނެ މަގު ފަހިކޮށްދިނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން އުފެއްދުމަށް ހަމަޖެހިފައިވާ ނޭޝަނަލް އެގްރިކަލްޗަރަލް ކުންފުނި މެދުވެރިކޮށް ދަނޑުވެރިން ހައްދާ ބާއްވަތްތައް ވިއްކޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަޤީންކަމާއިއެކު މިދަންނަވަނީ ތިޔަބޭފުޅުންގެ ތެރެއިން ދަނޑުވެރިކަން ކުރައްވާ ފަރާތްތަކުން އެކަން ފުޅާކޮށް ކުރައްވާށޭ. ހައްދާ ބާވްތަތައް އުކާލަން ނުުޖެހޭނެ. އެޔަގީންކަން އަޅުގަނޑުދެން. ހެއްދޭ ހުރިހާ ތަކެތި ގަނެވޭނެ އިންތިޒާމު ހަމަޖައްސާނަން" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ކުރަމުންދިޔަ ދަނޑުވެރިކަމާއި މަސްވެރިކަން އަލުން ނަގައި ކޮޅަށް ޖެހުމަށް މިދަނޑިވަޅަކީ އެންމެ ރަނގަޅު ދަނޑިވަޅުކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ވިސްނުންހުރީ މަސްވެރިކަން ކުރާ ފަރާތްތަކަށްވެސް އެކަން ފުޅާކޮށް ކުރެވޭނެ މަގު ފަހިކޮށްދީ، ރާއްޖޭގައި މަސް ސްޓޯކޮށް، ވެލިއުއެޑްކުރެވޭނެ ގޮތްތަކެއް ހެދުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ ކުރިން މަސްވެރިކަމުގެ ބައެއް އުފެއްދުންތައް ރާއްޖެއިން ބޭރުގައި އުފައްދަމުންދިޔަ ނަމަވެސް ސަރުކާރުގެ އުފެއްދުންތެރިކަން އިތުރުކޮށް މަސްވެރިންނަށް ލިބޭ މަންފާއާއި ނަފާ އިތުރުކުރުމަށް ގިނަ ވިސްނުންތަކެއް ގެންގުޅެމުންދާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އެގޮތުން ގޭދޮށު މަސްފެކްޓްރީތައް އުފައްދައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ އަމާޒުކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.