ޚަބަރު

ކޯވިޑް-19 : މިއަހަރުގެ ބަޖެޓުގެ ދަރަނި 12 ބިލިޔަން ރުފިޔާއަށް އަރާނެ - އަމީރު


މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ދަރަނި 12 ބިލިޔަން ރުފިޔާއަށް އަރާނެކަމަށް މިހާރު ލަފާކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ކުރިން ހީކުރި ގޮތާއި ޚިލާފަށް އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރާނެކަމަށް މިހާރު ލަފާކުރެވޭކަމަށެވެ. މިހާލަތަކީ އެއްވެސް ވަރަކަށް އަންދާޒާކުރެވުނުވެސް ހާލަތަކަށްނުވާތީ މިކަމުން އަރައިގަތުމަށް ސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް އަމީރު ވިދާޅުވިއެވެ.

މިއަހަރަށް ދައުލަތުން ލަފާކުރާ ކުރި ބަޖެޓަކީ ބޮޑު ބަޖެޓަކަށް ވީނަމަވެސް ބަޖެޓުން 12 ބިލިޔަން ރުފިޔާ ދަރަންޏަށް ވާނެކަމަށް މިހާރު ލަފާކުރެވޭކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. މީގެ އިތުރުން ޤައުމީ އުފެއްދުންތެރިކަން މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު %5.7 ދައްވާނެކަމަށް ފިނޭންސް މިނިސްޓަ އިބްރާހީމް އަމީރު ވިދާޅުވިއެވެ.

މިހާރު ދުނިޔޭގައި ކަންކަން ހިނގަމުންދާ ގޮތުންނާއި، ރާއްޖޭގެ ފަތުރުވެރިކަން އަންދާޒާ ކުރެވޭގޮތަށް ލަފާކޮށް މިއަހަރުގެ ތެރޭގައި ރާއްޖެއަށް އަންނާނެ ކަމަށް ކުރިން ލަފާކޮށްފައިވާ ފަތުރުވެރިންގެ ޢަދަދު ފައިތުވެދިޔަ އަހަރާއި އަޅާބަލާއިދު %37އާއި %50އާ ދެމެދުގެ ޢަދަދަކަށް ދަށަށް ދާނެކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިހާލަތުގައި ސަރުކާރުން ވަނީ ދައުލަތުން ކުރަމުންދާ ޚަރަދުތަކުގެ ތެރެއިން 1 ބިލިޔަން ރުފިޔާ އުނިކުރައްވައި ޚަރަދުކުދަކުރުމަށް ރާއްވަވާފައެވެ. މިކަމުގެ އެންމެބޮޑު ބޭނުމަކީ އިޤްތިޞާދީ ގޮތުން ކުރިމަތިވާ ދަތިތަކުން އަރައިގަނެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުނަނުދީ ހިންގެވުމެވެ.

އެގޮތުން މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕީއެސްއައިޕީގެ އެއްވެސް މަޝްރޫޢެއް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.