ކޯވިޑް-19ގެ ސަބަބުން އިނގިރޭސިވިލާތުގައި މަރުވާ މީހުންގެ ޖުމްލަ ޢަދަދު 20،000އަށްވުރެ ދަށްކުރުމަކީ ރަނގަޅު ނަތީޖާއެއްކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.
އިނގިރޭސިވިލާތުގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު މިހާރުވަނީ 17،000އަށްވުރެ އިތުރުވެފައެވެ. ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 ޖެހިގެން އިނގިރޭސިވިލާތުގައި 260 މީހުން މަރުވެފައިވެއެވެ. އެއާއެކު އެޤައުމުގައި ވައިރަހުގެ ސަބަބުން މަރުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 1،000އަށްވުރެ އިތުރުވެފައެވެ. އިނގިރޭސިވިލާތަކީ އެއްޤައުމަކުން 7ވަނައަށް އެންމެ ގިނައިން މީހުން މަރުވި ޤައުމެވެ.
އިނގިރޭސިވިލާތުގެ ޞިއްހާތާއިބެހޭ މާހިރުންދަނީ އެޤައުމަށް ވައިރަހުގެ ނުރައްކާ އަދިވެސް ވަރަށް ބޮޑުކަމަށް އިންޒާރުދެމުންނެވެ. އަދި ވައިރަސް ފެތުރޭ މިންވަރު ދަށްކުރެވޭނީ އެންމެން މަސައްކަތްކޮށްގެންކަމަށް މާހިރުން ނަސޭޙަތްތެރިވެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވައިރަސް ފެތުރޭ މިންވަރު ދަށްކުރުމަށް އިނގިރޭސިވިލާތުގައި ވައިރަހަށް ތަޚުލީލުކުރާ މިންވަރު އިތުރުކުރުމަށް އެޤައުމުންވަނީ ނިންމާފަައެވެ.
ވިލާތުގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިޓަލީވިލާތަށެވެ.