ޚަބަރު

ހއ.އަލިދޫ ރިޒޯޓުން ވަގަށް ނަގާފައިވާ ތަކެއްޗާއެކު 4 މީހަކު ހައްޔަރުކޮށްފި


ހއ.އަލިދޫ ރިޒޯޓުން އެކި ދުވަސްމަތިން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގިކަމުގެ ތުހުމަތުގައި އެ އަތޮޅު އުތީމުން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ވިދާޅުވީ، ހއ.އަތޮޅުގެ އަލިދޫ ރިޒޯޓަށް އެކި ދުވަސްމަތިން އަރައި އެ ރިޒޯޓުން ގިނަ ޢަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާކަމުގެ މައްސަލަ މިމަހުގެ 24 ވަނަ ދުވަހު ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ.

މި މައްސަލައާއި ގުޅިގެން ކޯޓް ޢަމުރެއްގެ ދަށުން ހއ.އުތީމުގެ 9 ގެއެއް ބަލާ ފާސްކުރުމަށްފަހު ގިނަ ޢަދަދެއްގެ ތަކެތި ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފައިވާކަމަށެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ޢުމުރުން 30 އަހަރާއި 35 އަހަރާއި ދެމެދުގެ 4 ދިވެހި ފިރިހެނުންކަމަށާއި، އެ މީހުންގެ ބަންދަށް ހއ.ފިއްލަދޫ ކޯޓުން ދިހަ ދުވަސް ޖަހާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤްކުރަމުންނެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ޢާންމުކުރި ފޮޓޯތަކުން ފެންނަގޮތުގައި ވަގަށް ނަގާފައިވަނީ ގޭތެރޭގައި ބޭނުންކުރާ ބައެއް ސާމާނާއި، ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނެވެ.

ހއ.އަލިދޫއަކީ ކުރިން ރިޒޯޓެއްގެ ގޮތުގައި ހިންގާފައިވާ ނަމަވެސް މިހާރު ބަންދުކޮށްފައިވާ ރިޒޯޓެކެވެ.