ޚަބަރު

ގޭގެއަށް ކާބޯތަކެތި ޑެލިވަރކުރުމުގެ ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖައްސަނީ


އާންމުންނަށް ގޭގައި ތިބެގެން ވިޔަފާރި ކުރެވޭނެ ގޮތް ހެދުމަށްޓަކައި ގޭގެއަށް ކާބޯތަކެތި ޑެލިވަރކުރުމުގެ ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

މިއީ ކަރަންޓިންކުރާ ގެތަކަށާއި ކުއްލި ޙާލަތަކަށް ގޮސްފިނަމަ އާންމުންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ލިބޭނެ ގޮތް ފަސޭހަ ކުރުމުގެ ގޮތުން ހަމަޖައްސާ އިންތިޒާމެއްކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާއި ގުޅޭގޮތުން އެން.އީ.އޯ.ސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވީ ޑެލިވަރީ އުސޫލުން ވިޔަފާރި ކުރެވޭނެ ގޮތް ހަމަޖެއްސުމަށް ވިޔަފާރިވެރިންނާއި މަޝްވަރާކުރަމުންދާކަމަށެވެ. އެގޮތުން މިގޮތަށް ޚިދުމަތް ދެވޭނެ ފިހާތައް ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިއަށްގެންދަމުންދާކަމަށް ޝިފާ ވިދާޅުވިއެވެ. މި އިންތިޒާމް މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައިވެސް ހަމަޖައްސާނެކަމަށް ސިފާ ވިދާޅުވިއެވެ.

"މިބަލަނީ މާލެ ވިލިނގިލި އަދި ހުޅުމާލޭގެވެސް ކޮންމެ ބްލޮކަކުން މަދުވެގެން 1 ފިހާރަ ކާބޯތަކެތި ޑެލިވަރީކުރުމަށް ހަމަޖެއްސުމަށް. ޝޮޕް އޯނަރުންނާއި ވާހަކަދައްކަމުންދަނީ. އޭރުން ފޯނަށް ގުޅައިން އޯޑަރުދީ، އޮންލައިންކޮށް ރުފިޔާ ދެއްކޭނެ ތަކެއްޗަށް. ވަކި ގަޑިތަކެއްގައި ޑެލިވަރިކުރެވޭގޮތް ހަދާނީ. މިދަނީ މިކަންކަން ހަމަޖައްސަމުން." ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ ފައިސާގެ ނޫޓު ބޭނުންކުރުމުގެ ބަދަލުގައި އޮންލައިންކޮށް ރުފިޔާ ދެކުމަށް މިފަދަ ވަގުތުގައި ސަމާލްކަން ދޭންޖެހޭކަމަށެވެ. ޑެލިވަރީ ޚިދުމަތުގައިވެސް ފައިސާ ދެއްކޭނެ ގޮތް ހަމަޖާއްސާނީ އޮންލައިންކޮށްކަމަށް ޝިފާ ވިދާޅުވިއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސަރުކާރުން ވަނީ ކެއިންބުއިމުގެ ހެދުމުގެ ޚިދުމަތްދޭ ތަންތަން ބަންދުކޮށް ހަމައެކަނި ޓޭކްއަވޭ އުސޫލުން ކާބޯތަކެތި ވިއްކޭނެ ގޮތް ހަމަޖައްސާފައެވެ.