ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކާއެކު މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
މާލޭގެ އެންމެ ހިތްގައިމު އެއްސަރަހައްދުގެ ގޮތުގައި ބެލެވޭ ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުން މިއަދު ފެންނަނީ ފަޅުކަމާއި ހަމަހިމޭންކަމެވެ. ފުލުހުންގެ މައި އިމާރާތް ހުސެން އާދަމް ބިލްޑިން މަތިން ނަގާފައިވާ މިފޮޓޯއިން އެސަހަރައްދުގެ ފަޅުކަން ކިތަންމެހާވެސް ރަނގަޅަށް ފެނިގެންދެއެވެ. ދިވެހިންގެ ފަޚުރާއި ޝަރަފުގެ ރަމްޒު، ދިވެހި ދިދަ ވިހުރޭ މަންޒަރުފެނިގެންދިޔުމަކީ ހިތްތަކަށް ހިންހަމަޖެހުމާއި އުފާވެރިކަން ލިބޭކަމެކެވެ. މިހަމަޖެހުން އެންމެ ހިނދުކޮޅަށްވެސް ނެތިގެން ނުދިއުމަކީ އަޅުގަނޑުމެން އެންމެންގެ ދުޢާއެވެ.
މާލޭގެ މަލަމަތީގެ ގޮތުގައި ހިމެނޭ މިސަރަހައްދަކީ އަބަދުވެސް ފަތުރުވެރިންނާއި ޢާންމުން އައިސްގޮސް ހަދާ ހަލަބޮލި ސަރަހައްދެކެވެ. ނަމަވެސް މިއަދު މިސަރަހައްދު ފަޅުފިލުވާލަދެނީ ހަމައެކަނި ދިވެހި ދިދައެވެ.
މުޅިދުނިޔޭޔޭގައި ހަލުވިކަމާއިއެކު ކޯވިޑް-19 ފެތުރެމުންދާއިރު މިބަލި ރާއްޖެއިންވެސް ވަނީފެނި ނުރައްކާ ބޮޑުވެފައެވެ. ބަލި ފެތުރުނަނުދީ ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދިވެހިންގެ ތެރެއިން ގިނަބަޔަކު ދަނީ އިޖާބަދެމުންނެވެ. ބަލީގެ ނުރައްކާތެރިކަމާއި ބަލިފެތުރޭގޮތަށް ބަލާއިރު އަދިވެސް ކަމާބެހޭ ފަރާތްތަކުން ބޭނުންވާފަދަ މަންޒަރެއް މާލެއިން ނުފެންނަކަމަށް އެބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ގޮތުން ކަމާބެހޭ ފަރާތްތަކުން ގުޅިގެން ކުރަމުންދާ މަސައްކަތުގައި ކާމިޔާބީތަކެއް ލިބުނުކަމުގައި ވީނަމަވެސް މިއީ ބަލި ކޮންޓްރޯކޮށް ފެތުރަ ނުދިނުމަށް އެންމެން އެކައްޗެއް ކިޔަންވީ ވަގުތެވެ. ގޭގައި ތިބެންވީ ވަގުތެވެ. ޑޮކްޓަރުންނާއި، ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކުގެ އަޑުއަހަންވީ ވަގުތެވެ.