ޚަބަރު

ޓްރެވަލާސް ކުލިނިކަށް ދިޔަ މީހެއްގެ ކިބައިގައި އަލާމަތްތައް ފެނިގެން ފަރުކޮޅަށް ގެންގޮސްފި


ރާއްޖެއިން ބޭރުން އަންނަ ދިވެހިން ޑޮކްޓަރަށް ދެއްކުމަށް، ހުޅުވި ޓްރެވަލް ކުލިނިކަށް ދެއްކި މީހެއްގެ ގައިގައި ކޯވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން އެމީހާ ފަރުކޮޅުފުއްޓަށް ގެންގޮސް ކަރަންޓީންކޮށްފިއެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު އޮތްގޮތާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ތަރުޖަމާނު، މަބުރޫކު އަޒީޒު ވިދާޅުވީ އެމިހާއަކީ ސްލޮވީނިއާއަށް ދަތުރުކޮށްފައިވާ މީހެއް ކަމަށެވެ. އޭނާ ޓްރެވަލްކުލިނިކަށް ޑޮކްޓަރަށް ދައްކަން ގޮސްފައި ވަނީ މިއަދުއެވެ.

މީގެ އިތުރުން މަބުރޫކް ވިދާޅުވީ، އއ މަތިވެރީގައި 2 ބިދޭސީއެއްގެ ކިބައިން ކޯވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން އެރަށް މޮނިޓަރިންއަށް ލާފައިވާ ކަމަށެވެ. އަދި އެރަށުގައިވެސް ކޮންޓްރެކްޓް ޓްރޭސިންގ (ބަލީގެ އަލާމާތްފެނިފައިވާ މީހުންނާއި ބައްދަލުވި މީހުން ދެނެގަތުމުގެ) މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަތިވެރިއަކީ ގިނައަދަދެއްގެ ގެސްޓްހައުސްތަކެއް ހިންގަމުންގެންދާ ރަށެކެވެ.

މީގެ އިތުރުން ގިލިލަންކަންފުށި ރިޒޯޓުން ކޯވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ދިވެހި މުވައްޒަފެއްގެ ކިބައިން ފެނުމާއި ގުޅިގެން އެރިޒޯޓުވެސް މޮނިޓަރިންގއަށް ލެވިފައިވާ ކަމުގައި މަބުރޫކް ވިދާޅުވިއެވެ. މަބުރޫކު ވިދާޅުވީ، އޭނާ އަކީ މެލޭޝިއާގައި ހުރެފައި ރާއްޖެއައި މީހެއް ކަމަށެވެ. އަދި މިހާރު ގިލިލަންކަންފުށީގައިވެސް ކޮންޓްރެކްޓް ޓްރޭސިންގ (ބަލީގެ އަލާމާތްފެނިފައިވާ މީހުންނާއި ބައްދަލުވި މީހުން ދެނެގަތުމުގެ) މަސައްކަތް ކުރަމުންދާ ކަމުގައި މަބުރޫކް ވިދާޅުވިއެވެ.

މަބުރޫކު ވިދާޅުވީ، ކުރެއްދޫގައި ކޯވިޑް-19އަށް ޕޮޒިޓިވްވި 5 މީހުންނަކީ، ކުރެއްދޫއަށް އައި އިޓަލީފަތުރުވެރިއާގެ ކިބައިން އެވައިރަސް އެރި މީހުން ކަމަށެވެ. އަދި ކޮންޓްކެޓް ޓްރޭސިންގ ގެ ގޮތުގައި އެރިޒޯޓުން 109 ފަރާތެއް އައިސޮލޭޓް ކުރެވުނު ކަމަށެވެ. އަދި އެރަށުން ބަލި ފެނި މޮނިޓަރކުރަން ފެށުނުތާ 14 ދުވަސް ހަމަވުމާއި އެކު އައިސޮލޭޓް ކުރެވުނު މީހުންގެ ތެރެއިން އަލާމާތްތައް ނުފެންނަ މީހުން ދޫކޮށްލުމުގެ މަސައްކަތް ކުރާކަމަށެވެ.

މަބުރޫކު ވިދާޅުވީ، ރާއްޖޭގައި ތިބި ފަތުރުވެރިންގެ ތެރެއިން މިއަދު އަލިޓާލިއާ އެއާލައިނުން ފުރާފައި ވަނީ 109 މީހަކާއި ދެ ކުޑަކުއްޖަކު ކަމަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ޕޮޒިޓިވް އެއްވެސް ކޭސްއެއް ފެނިފައެއް ނުވެއެވެ. މިހާތަނަށް 13 މީހަކު ރާއްޖެއން ކޯވިޑް-19އަށް ޕޮޒިޓިވްވި ވިއިރު އެއެންމެންނަކީވެސް ބިދޭސީންނެވެ.

އަދި ފަރުކޮޅުފުށީގައި 14 މީހުން ކަރަންޓީންކޮށްފައިވާއިރު، ދަރުމަވަންތަ ހޮސްޕިޓަލުގައި 4 މީހުން ކަރަންޓީންކޮށްފައިވެއެވެ. އަދި ވިލިވަރުގައި 11 މީހުން އައިސޮލޭޓްކޮށްފައިވެއެވެ.