ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކާ ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރުގެ 3 ޤައުމަކުން މެޑިކަލް ޓީމްތައް މިމަހުގެ 19 ވަނަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19ގެ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތުދިނުމަށް ނެޝެނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ، ރާއްޖެއަށް ޞިއްޙީގޮތުން ބޭނުންވާ އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކާ ބޭރުގެ 3 ޤައުމަކުން މެޑިކަލް ޓީމްތައް މިމަހުގެ 19 ވަނަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށެވެ.
މީގެ ތެރޭގައި އެމެރިކާއާއި، އިނގިރޭސިވިލާތް އަދި އެފްރިކާގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމްތައް ހިމެނޭކަމަށް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ. އަދި މި ޓީމްތައް ރާއްޖެ ގެންނަނީ ޓޫރިޒަމް ޓްރަސްޓް ފަންޑުން ޚަރަދުކޮށްގެން އިންޑަސްޓްރީގެ އެހީތެރިކަމާއެކުކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
"ޓޫރިޒަމްގެ ޓްރަސްޓް ފަންޑުން އިންޑިސްޓްރީގެ އެހީތެރިކަމާއެކު އެމެރިކާއާއި، އިނގިރޭސިވިލާތާއި އެފްރިކާގެ ޑޮކްޓަރުންނާއި ނަރުހުންނާއި ފަންނީ ބޭފުޅުން ހިމެނޭ ޓީމެއް އަންނަ ބުރާސްފަތި ދުވަހު ރާއްޖެ އަންނާނެ. އެއީ އަޅުގަނޑުމެން ދެކޭގޮތުގައި ކުރިއަށްއޮތް ހަފްތާތައް ވެގެންދާނީ މިކަމުގައި ވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހޭ ދުވަސްތަކަކަށް. އެހެންވީމަ އެއްމަސް ދުވަހުގެ މުއްދަތަކަށް މެޑިކަލް ޓީމެއް މިހާރުގެ ޓާސްކްފޯހަށް އަޅުގަނޑުމެން ހަދިޔާކުރަން" ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ، މިގޮތަށް ގެންނަ މެޑިކަލް ޓީމްތައް ރާއްޖޭގައި ޤާއިމުކުރާ ކަރަންޓީން ފެސިލިޓީތަކުގައި ބަލިމީހުންނަށް ފަރުވާދިނުމަށް ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.
3 ޤައުމެއްގެ މެޑިކަލް ޓީމްތައް ރާއްޖެ ގެނެއުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، އަވަށްޓެރި އިންޑިއާގެ ޞިއްޙީ ތަޖުރިބާކާރުން ހިމެނޭ މެޑިކަލް ޓީމެއް ރާއްޖޭގައި މިހާރުވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކާ ސަރުކާރުން މުހިއްމު ފިޔަވަޅުތަކެއް އަޅަމުންދާއިރު، މިކަމުގައި ބޭރު ޤައުމުތަކާއި އެހީދޭ ޖަމިއްޔާ ޖަމާޢަތްތަކުގެ ބައިވެރިވުން ސަރުކާރުން އަންނަނީ ހޯދަމުންނެވެ.