ޚަބަރު

ކޯވިޑް-19: އާ ދެކޮޅަށް ސާކް ޤައުމުތައް ގުޅިގެން ކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން ބައިވެރިވަނީ


ސާކްގެ ޤައުމުތައް ގުޅިގެން ކޯވިޑް-19 އާއި ދެކޮޅަށްކުރާ ގުޅިފައިވާ މަސައްކަތުގައި ދިވެހިރާއްޖެއިން ބައިވެރިވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނުވަނީ، އިންޑިއާއިން އިސްނަގައިގެން ކޯވިޑް-19 އަށް ކުރާ މި މަސައްކަތަށް މަރުޙަބާ ވިދާޅުވެ، މި މަސައްކަތުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރެއްވި ޓުވީޓް

އިންޑިއާއިން އިސްނަގައިގެން ކޯވިޑް-19އިން ރައްކާތެރިވުމަށް ކުރާ މަސައްކަތުގެ ތެރޭގައި ހިމަނައިގެން ސާކް ގައުމުތަކުގެ ވެރިން މަޝްވަރާކުރުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ދަޢުވަތު ދެއްވާ ވަނީ ޓުވީޓްކުރައްވާފައެވެ. މި ޓުވީޓް ރިޓުވީޓްކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އިންޑިއާއިން މި އަމާޒު ހިފި ކަމަކީ މިވަގުތު ދެކުނު އޭޝިއާގެ ޤައުމުތަކަށް ވަރަށް ބޭނުން ޖެހިފައިވާކަމެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން މި ކަމުން އަރައިގަތުމަށް ވަކި ވަކި ޤައުމުތަކުން މަސައްކަތްކުރުމުގެ ބަދަލުގައި މި ބަލިމަޑުކަމުން އަރައިގަނެވޭނީ ހުރިހާ ޤައުމެއް ގުޅިގެން މަސައްކަތް ކޮށްގެންކަން ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ކުރެއްވި ޓުވީޓް

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޯވިޑް-19 އާއި ދެކޮޅަށް މަސައްކަތްކުރުމަށް ރަނގަޅު ސްޓްރެޓެޖީއަކަށް ސާކްގެ ގައުމުތަށް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށެވެ. ސިއްހަތު ރަނގަޅު ދުނިޔެއަކަށްޓަކައި ކުރާ މި މަސައްކަތުން މުޅި ދުނިޔެއަށް ނަމޫނާ ދެއްކުމަށް މޯދީ ގޮވާލެއްވިއެވެ. އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަޝްވަރާ ކުރުމަށް ސާކްގެ ލީޑަރުންނަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެތެރެއިން ކޯވިޑް 19އަށް އެންމެ ގިނަ މީހުން ޕޮޒިިވްވެފައިވަނީ އިންޑިއާއިންނެވެ. އެގައުމުން 78 މީހަކު މިވައިރަސް ޕޮޒިޓިވް ވެފައިވާއިރު، ތިން މީހަކު ރަނގަޅުވެ، އެކަކު ވަނީ މަރުވެފައެވެ. އިންޑިއާގައި މި ބަލިމަޑުކަން ފެތުރެން ފެށުމާއެކު ބޭރު ޤައުމުތަކުން އެ ޤައުމަށް އަންނަ ފަރާތްތަކަށް ފުރުސަތު ހަނިކޮށް ބޭސް ބޭރު ކުރުންވަނީ މެދުކަނޑާލާފައެވެ. ނަމަވެސް، ރާއްޖެއާއި އިންޑިއާގެ ގާތް ގުޅުމުގެ ސަަބަބުން މިކަންކަމުގައި ރާއްޖެއަށް ދަތި ނުވާނެކަމުގެ ޔަޤީންކަން ފޮރިން މިނިސްޓްރީއިންވަނީ ދެއްވާފައެވެ.