ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު ރާއްޖޭގެ ރަށްރަށުގެ ރަށްވެހިކަމާއި، ވަރިކަމުގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ބަސްބުނުގެ ފުރުސަތު ލިބިގެންދާނެކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ "ރަށްވެހި ފަތިސް" ފެސްޓިވަލް ހުޅުވުގެގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ޤާނޫނަށް ގެނެސްފައިވާ ބަދަލުތަކާއެކު ކައުންސިލް އިންތިޚާބަށްފަހު ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ.
ޒަމާނުއްސުރެ ރާއްޖޭގައި ވެރިކަމުން ކުރަމުންއައި ގޮތާއި ރަށްރަށުގެ ބާރުވެރިކަން މައިސަރުކާރަށް އޮންނައޮތުން ދޫކޮށް ރައްޔިތުންގެ އަތްމައްޗަށް އެރަށެއްގެ ހިންގުމުގެ ބާރު މިއިންތިޚާބަށްފަހު ލިބިގެންދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިބަދަލުތައް ތަންފީޒުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނެ އެއްބަޔަކީ އަންހެނުންކަމަށެވެ.
ޤާނޫނުގެ ތެރެއިން ކައުންސިލްތަކުގެ %33 އަންހެން ބޭފުޅުންނަށް ޚައްސަވުމަކީ ރަށްވެހިކަމުގައި އަންހެންބޭފުޅުންނަށް ބަސްކިޔުމަށް ލިބުނު ފުރުސަތެއްކަމަށާ، މިއާއުއެކު ރަށްރަށަށް ކަނޑައަޅާފައިވާ ބަޖެޓާއި ރަށްރަށުގެ އިޚްތިޞާސްގައި ހިމެނޭ ވަސީލަތްތަކާއެކު ރަށްތައް ތަރައްޤީވެގެންދާ މަނަޒަރު ފެނިގެންދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ރަށްވެހި ފެސްޓިވަލް"ގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސާ އަދި މާލޭ ސިޓީގެ މޭޔަރު ސިފާ މުޙައްމަދު ވިދާޅުވީ އެމްޑީޕީގެ ކަނބަލުންނަކީ ކަމަކާ ކުރިމަތިމަތިލައިފިނަމަ އެކަމެއް ހާސިލުނުވަނީސް ފަހަތަށް ޖެހޭނެ ބައެއްނޫންކަމަށެވެ. އެކަން ފައިތުވެދިޔަ 7 އަހަރުދުވަހުގެ ތެރޭގައި އެމްޑީޕީގެ ކަނބަލުން ސާބިތުކޮށްދީފައިވާކަމަށް ސިފާ ވިދާޅުވިއެވެ.
"އަންހެނުންނަށް ބޭނުންވާ ގިނަ ހައްގުތަކެއް ކަށަވަރު ކޮށްދިނީ އެމްޑީޕީން. ހައްގުތައް ކަށަވަރު ކުރަމުންދަނީ އެމްޑީޕީން. ނާސްތާ ޕްރޮގުރާމާއި، ކުދިންނަށް ހިލޭ ފޮތްލިސްޓް ލިބުމާއި، ވިހެވުމަށްފަހު ލިބޭ 6 މަސްދުވަހުގެ ޗުއްޓީއާއި، މަތީ ތައުލީމް ހިލޭ ކިޔެވޭނެ ފުރުސަތު ފަހިކޮށްދިނީވެސް މި ސަރުކާރުން" ސިފާ ވިދާޅުވި.
އެމްޑީޕީން ކުރިއަށްގެންދާ "ރަށްވެހި ފެސްޓިވަލް"ގައި ވަނީ ސަރުކާރުން މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި، ކުރިއަށްރާވާފައިވާ ކަންކަމުގެ މައުލޫމާތު ދިނުމަށް 9 ސްޓޯލެއް ގާއިމްކޮށްފައެވެ. އަދި މިފެސްޓިވަލުގެ ތެރެއިން އަންހެނުން ބާރުވެރިކޮށް ތަރައްޤީގައި އަންހެނުންނަށް އަދާކުރެވޭނެ ދައުރުތަކުގެ މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.