ކޯވިޑް-19 ނެތްކަން ކަށަވަރު ކުރުމަށް އިތުރު ދިވެއްސެއް މިއަދު ހަވީރު އެކަހެރިކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް-19 އަލާމާތްތަކާއި މި މީހާ ރިޕޯޓްކޮށްފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައިކަމަށެވެ. އެއާއި އެކު މި މިހާ ޓެސްޓުކޮށް މޮނީޓަރކުރުމަށް އެކަހެރިކޮށްފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
އެޗްޕީއޭއިން ވިދާޅުވީ އިޓަލީވިލާތުން ރާއްޖެއައި ދިވެއްސެއްގެ ގައިގައި ކޮވިޑް-19 ނެތްކަން ކަށަވަރު ކުރުމަށްޓަކައި މިއަދު ހެދުނު އެކަހެރިކޮށް ކުރި ޓެސްޓުން އޭނާގެ ގައިގައި ވައިރަސް ނެތްކަން ކަށަވަރުވުމުން މިހާރު ދޫކޮށްލާފައިވާކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން މީހަކު އެކަހެރިކުރެވިއްޖެނަމަ އެމީހާ ދިރިއުޅޭ ގޭގޭ މީހުންނާއި އެމީހާއާއި އެކު ވަގުތު ހޭދަކޮށްފައިވާ މީހުން ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމުގެ ޔަގީންކަންވެސް އެޗްޕީއޭއިން ވަނީ ދެއްވާފައެވެ.
ކޯވިޑް-19 އާއި ގުޅޭ އެންމެފަހުގެ މައުލޫމާތު ހިއްސާކުރައްވާ އެޗްޕީއޭއިން ނެރުނު ބަޔާނުގައި ވަނީ ޗިލީން މި ބައްޔަށް ޕޮޒިޓިވްވި މީހާ ރާއްޖެއަށް ދަތުރުކޮށްފައިވާކަން ކަށަވަރުކުރެވިފައިވާކަމަށެވެ. އަދި މި މަޢުލޫމާތާއި ގުޅިގެން އެއީ ކާކުމާއި ރާއްޖޭގައި އޭނާ އުޅެފައިވާތަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އެ ތަންތަނުގައި ބަލީގެ އަލާމަތް ހުރި މީހުން އުޅޭކަން ބަލާ މޮނީޓަރކުރަމުން ގެންދާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ބައިނަލް އަޤްވާމީ ވައިގެ އަދި ކަނޑުގެ ބަނދަރުތަކެއްގައި މިއަހަރުގެ ޖެނުވަރީ މަހުން ފެށިގެން ރާއްޖެއަށް ދަތުރުކޮށްފައިވާ އަންނަ ފަރާތައް ގެންދަނީ ސްކްރީންކޮށް މޮނީޓަރކުރަމުންނެވެ.