ޚަބަރު

ރާއްޖެ ކޮމަންވެލްތުގައި: މެންބަރުކަން އަލުން ލިބުނީ ޝެޑިއުލްކުރި ތާރީޚަށްވުރެ 4 މަސްކުރިން


ބައިނަލްއަޤްވާމީ އެހެން ޖަމްއިއްޔާތަކަށްވުރެ ބޮޑަށް ކުދި ޤައުމުތަކުގެ މައްސަލަތަލަށް ފަރިތަ ކޮމަންވެލްތުގައި ދިވެހިރާޖެއިން ފުރަތަމަ ބައިވެރިވެފައިވަނީ 9 ޖުލައި 1982 ގައެވެ. ކޮމަންވެލްތުގެ މެންބަރު ޤައުމެއްގެ ގޮތުގައި ރާއްޖެއޮތް އިރު އެޖަމިއްޔާގެ ފަރާތުން ރާއްޖެއަށްވަނީ ތަފާތުއެތައް އެހީތެރިކަމެއް ލިބިގެންގޮސްފައެވެ.

ނަމަވެސް ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތު ހިމާޔަތްކުރުމަށްކަމަށް ވިދާޅުވެ 2016 ވަނަ އަހަރުގެ އޮކްޓޯބަރ 13 ގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ރާއްޖެ ކޮމަންވެލްތުން ވަކިވުން ވެގެންދިޔައީ ދުނިޔޭގެ ސަމާލުކަން ހުއްޓުނު ކަމަކަށެވެ. މިކަމާއި ގުޅިގެން އެރު ރާއްޖޭގެ އިދިކޮޅުޕާޓީއެއްގެ ގޮތުގައި އޮތް މިހާރުވެގެ ވެރިކަންކުރާ މައިޕާޓީ އެމްޑީޕީންވެސް ކުށްވެރިކުރިއެވެ. މިއާއެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ނިންމެވި ކަންކަމުގެ ތެރޭގައި ރާއްޖެއަލުން ކޮމަންވެލްތާއި ގުޅުން ހިމެނެއެވެ.

ދިވެހިރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމަށް މިހާރުގެ ސަރުކާރުން ނިންމެވީ ކޮމަންވެލްތުގައި ރާއްޖެ އޮތުމުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް އެކި ދާއިރާތަކުން ފަހިވާ ތަޢުލީމީ ދާއިރާގެ ސްކޮލަޝިޕް ފުރުސަތުތަކާއި، ބައިނަލްއަޤްވާމީ ކުޅިވަރުގެ މައިދާނުގައި ދިވެހި އެތުލީޓުންނަށް ލިބޭ ފުރުސަތުތަކަށް ބައްލަވައިގެންނެވެ.

ބަވަނަ ވެފައިވާ މިއަދުގެ ދުނިޔޭގައި، ހުރިހާ ދާއިރާއަކުންވެސް އެހެން ޤައުމުތަކާ އެއް ހަމައެއްގައި ދިވެހިރާއްޖެއިން ފައިތިލަ ސާބިތު ކުރުމުގައި ކޮމަންވެލްތު ގެ މެންބަރެއްގެ ގޮތުގައި އޮތުމުގެ މުހިންމުކަމާއި، ޑިމޮކްރެސީ ނެގެހެއްޓުމާއި، އިންސާނީ ޙައްޤުތަކާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރު ކުރުމުގައި ކޮމަންވެލްތުގެ ދައުރާއި ތިމާވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއެކު ދެމެހެއްޓެނިވި ތަރައްޤީއަށް ރާއްޖެއިން ކުރާ މަސައްކަތުގައި ކޮމަންވެލްތްގައި ބައިވެރިވުމުން ލިބިގެންދާނެ ފައިދާތަކުގެ މުހިންމުކަމާއި ގުޅިގެން އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް ސަރުކާރުން ނިންމެވި ނިންމެވުމާއެކު ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ ބެލެހެއްޓުމުގެދަށުން މިމަސައްކަތް ފަށައިގަނެވުނެވެ.

މިއާއެކު ރާއްޖެއިން ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ހުށަހެޅި ހުށަހެޅުން ރިވިއުކޮށް، ރާއްޖޭގެ ޙާލަތު ދެނެގަތުމަށްޓަކައި ކޮމަންވެލްތްގެ ޚާއްސަ ޓީމުތަށް ދެފަހަރެއްގެ މަތިން ރާއްޖެއައެވެ. އަދި ރާއްޖެއިން ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް އެޖަމްއިއްޔާއިން އެދުނު ބައެއް ލިޔުންތައް ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލްގެ ޕެޓްރީޝިއާ ސްކޮޓްލެންޑްގެ އަތްޕުޅަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެރުވީ މިދިޔަ އަހަރުގެ ޖޫންމަހުގެތެރޭގައެވެ.

ރާއްޖެ ކޮމަންވެލްތުން ވަކިވެފައިވަނީ ހަމަޖެހިފައިވާ އުސޫލުތަކާއި ޚިލާފަށްކަމަށް ވުމުން ޚާރިޖީވަޒީރުވަނީ އެކި ފަހަރު މަތިން ކޮމަންވެލްތް ސެކްރަޓަރީ ޖެނަރަލއްއާ ބައްދަލުކުރައްވާ ރާއްޖެ އެޖަމިއްޔާއާ އަލުން ގުޅުމުންގެ މުހިމުކަން ފާހަގަކޮށް އެޖަމިއްޔާގެ ހަރަކާތްތަކުގައި ބައިވެރިކުރުމުގެ މުހިމުކަން ފާހަގަކުރައްވާފައެވެ. މިގޮތަށް ކުރެއްވި މަސައްކަތުން ކޮމަންވެލްތުންވަނީ މި އަހަރުގެ ޖުލައި މަހު ރުވަންޑާގަ ބާއްވާ ކޮމަންވެލްތު އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖެ ކޮމަންވެލްތުގެ މެންބަރަކަށް ވާނެ ކަމަށް ބުނެފައެވެ.

މިއާއެކުވެސް ޚާރިޖީވަޒީރު އަބްދުﷲ ޝާހިދަށް ކޮމަންވެލްތުންދެއްވި މުހުލަތާމެދު އެހާ ހިތްޕުޅުހަމަޖެހިލައްވާގޮތެއްނުވިކަން ހާމަވީ އެތައް ޤައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި މެންބަރު ޤައުމުތަކުން ރާއްޖެއަލުން ކޮމަންވެލްތުގައި ބައިވެރިކުރުން އަވަސްކޮށްދެއްވަން މަސައްކަތްކޮށްދެއްވުމަށްވަނީ އެދިވަޑައިގެން ގިނަ މަސައްކަތްތަކެއްކުރައްވާފައެވެ. އެއާއެކު ފެނިގެންދިޔައީ ދިވެހިރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިކުރުމުގެ މަސައްކަތް އަވަސްކުރުމަށް ބާރުއަޅައި އެކަމަށް މެންބަރު ޤައުމުތަކުން ތާއީދުކުރަންފެށުމެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގައި ކުރިއަށްދިޔަ، ކޮމަންވެލްތް ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި އިންޑިއާއާއި ބަންގްލަދޭޝާއި ކެނެޑާއާއި ޕާކިސްތާނާއި ރުވާންޑާއާއި ސްރީ ލަންކާއިން ކޮމަންވެލްތުގައި އަލުން ރާއްޖެ ބައިވެރިވުމުގެ މަސައްކަތް އަވަސްކުރުމަށް ބާރުއަޅައި ވަނީ އެކަމަށް ތާއީދުކުރައްވާފައެވެ.

މިއާއެކު މި ފެބްރުއަރީ މަހުގެ މަހުގެ ފުރަތަމަ ދުވަހު ކޮމަންވެލްތުގެ ހުރިހާ ޤައުމެއްގެ ފުރިހަމަ ތާޢީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި އެޖަމާޢަތުންވަނީ ރާއްޖެ އަލުން ކަނޑައަޅާފައެވެ.

ކޮމަންވެލްތާއި އަލުން ގުޅުމަށް ޚާރިޖީ ވަޒީރާއި އެމަނިކުފާނުގެ ޓީމުން ކުރެއްވި މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއިރު،
މިކަން ރާއްޖެއަށް ކާމިޔާބުކުރެވިފައިވަނީ ޝެޑިއުލްކުރެވިފައިވާ ތާރީޚަށްވުރެ 4 މަސްކުރިންނެވެ. ކޮމަންވެލްތު މެމްބަރު ގައުމަކަށް ރާއްޖެވުމާއި ގުޅިގެން ކޮމަންވެލްތު ސެކްރެޓޭރިއެޓްގައި ދިވެހި ދިދަ ރަސްމީކޮށް ނަންގަވައިދެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ. އަދި އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަވާ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއިއެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ބޭއްވެވި ބައްދަލުވުމުގައި، ދިވެހި ދަރިވަރުންނަށް ކޮމަންވެލްތު ސްކޮލަރޝިޕްތަކަށް ކުރިމަތިލެވޭނެ މަގުފަހިކޮށްދެއްވުމަށް މިނިސްޓަރ ޝާހިދު އެދިވަޑައިގަތުމާއި ގުޅިގެން ކޮމަންވެލްތު ސްކޮލަރޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް މިއަދުވަނީ ހަމަޖެހިފައެވެ.

ކޮމަންވެލްތުގެ 54 ވަނަ މެމްބަރު ޤައުމުގެ ގޮތުގައި ރާއްޖެ އަލުން އެޖަމްއިއްޔާގެ މެންބަރަކަށްވެފައިވާއިރު، މި އަހަރު ރުވާންޑާގެ ވެރިރަށް ކިގާލީގައި ބާއްވާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ޖަމްއިއްޔާގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވާނެއެވެ. އަދި ކޮމަންވެލްތުގެ ސަބްސިޑަރީ ޖަމްއިއްޔާތަކުގައިވެސް ދިވެހިރާއްޖެއިން ބައިވެރިވެ، ބިނާކުރަނިވި މަސައްކަތްތަކެއް ކުރާނެކަމަށް ފޮރިން މިނިސްޓްރީންވަނީ ހާމަކުރައްވާފައެވެ.