ޚަބަރު

ފުވައްމުލަކުގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފި


  • ޤުރްއާން ހިފްޒުކުރުމުގެ ކްލާސްތައް އިތުރުކުރާނެ

  • ފުވައްމުލަކުގައި އިސްލާމީ މަރުކަޒެއް އެޅުމަށް ވަނީ ނިންމާފައި

  • މަރުކަޒުގެ ކޮންސެޕްޓް ވަނީ ނިމިފައި

ފުވައްމުލައް ސިޓީގައި ސަރުކާރުން އިމާރާތްކުރި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ހުޅުވައިފިއެވެ.

ފުވައްމުލަކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާންއެވެ. މި ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީ ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ އިސް ފަރާތްތަކާއި ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.

މި އައުޓްރީޗް ސެންޓަރުގައި 5 ކުލާސްރޫމާއި، ނަމާދު ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީންގ ރޫމެއް ހިމެނެއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އެކްސްގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުވައްމުލައް ސިޓީގައި ޤުރްއާން ހިފްޒުކުރުމުގެ ކްލާސްތައް އިތުރުކުރެވޭނެކަމަށާއި އެ ކަމަށް ބޭނުންވާ މުދައްރިސުންވެސް އިތުރުކުރެވޭނެކަމަށެވެ.

ފުވައްމުލައް ސިޓީގައި ސަރުކާރުން ބިނާކުރަން ނިންމާފައިވާ އިސްލާމިކް ސެންޓަރުގެ މަޝްރޫޢުގެ ޑިޒައިން ކޮންސެޕްޓް ނިންމައި ކޮމެންޓްތަކަށް ފުވައްމުލައް ސިޓީ ކައުންސިލަށް މިހާރު ފޮނުވާފައިވާކަމަށެވެ. އިސްލާމިކް ސެންޓަރު ނިމުމުން، އެތަން ވެގެންދާނީ ޤުރްއާނާ ބެހޭ މަރުކަޒަކަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު މި ހުޅުވި ޤުރްއާން މަރުކަޒު ވަގުފު ބިނާއަކަށް ބަދަލުކުރެވޭނެއެވެ. އެ ބިނާ ކުއްޔަށް ދީގެން ލިބޭ ފައިސާ ޚަރަދުކުރާނީ ސިޓީގެ ދީނީ ކަންކަމުގެ ތަރައްޤީއަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ ތަޞައްވުރަކީ މުޅި ރާއްޖޭގައި ޤުރުއާނުގެ ޢިލްމު ފުޅާކޮށް ޙާފިޒުން ބިނާކޮ ވަޤުފު މަޝްރޫޢުތައް އިތުރުކޮށް ދީނީ ކަންކަން ކުރިއެރުވުންކަމަށް ވަޒީރު ޝަހީމް ވަނީ ވިދާޅުވެފައެވެ.

ފުވައްމުލަކުގައި އިމާރާތް ކުރާ ޤުރްއާނާބެހޭ މަރުކަޒަކީ، ދައުލަތުން 12 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހަދާ އިމާރާތެކެވެ.

މި އިމާރާތުގެ ގްރައުންޑް ފްލޯގައި އޮޑިޓޯރިއަމަކާއި، ލައިބްރަރީއެއްގެ އިތުރުން މީޓިން ރޫމެއް ހުންނާނެއެވެ. އަދި ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސް ރޫމާއި، ނަމާދު ކުރާނެ ތަނެއް ހަދާފައިވާއިރު، ނަމާދުކުރާ ބައިގައި އެއްފަހަރާ 30 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ ހުންނާނެ ކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ.

ރާއްޖޭގައި އިސްލާމީ ޝިޢާރުތައް ކުރިއަރުވައި، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ދީނުގެ ކަންކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، މި ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.