ދުނިޔެ

ސައޫދީގެ ޙަމަލާތަކެއް ޔަމަންގެ ކާރުޚާނާ ތަކަކަށް އަމާޒް ވެއްޖެ


ސައޫދީ ވައިގެ ސިފައިން ޔަމަނަށް ދެމުން ގެންދާ ވައިގެ ޙަމަލާތަކެއް ޔަމަންގެ ކާރުޚާނާ ތަކަކާއި ސިނާއީ މަރުކަޒުތަކަކަށް އަރައިފި ކަމަށް ކަމަށް ޚަބަރު ލިބިއްޖެއެވެ.ޔަމަންގެ އަމަނާބެހޭ ފަރާތްތަކުން ބުނީ ސައޫދީ ވައިގެ ސިފައިން އިއްޔެ ދިން ޙަމަލާތައް މައިގަނޑު ގޮތެއް އަމާޒުކޮށްފައިވަނީ ވެރިރަށް ސަންއާ އާއި އެހެން ގަވަރނޭޓްތަކުގައިވާ ކާރުޚާނާ ތަކަށާއި ސިނާއީ މަރުކަޒުތަކަށް ކަމަށެވެ. އަދި މިފަހަކަށް އައިސް ސައޫދީން ދޭ ވައިގެ ހަމަލާތައް އަސްކަރީ ތަންތަނުގެ ބަދަލުގައި މަދަނީ ތަންތަނަށް އަމާޒުކުރަމުން ގެންދާކަމަށްވެސް ޔަމަންގެ އަމަނާބެހޭ ފަރާތްތަކުން ބުނެއެވެ.އަނެއްކޮޅުން ސައޫދީގައި ދިރިއުޅުއްވާ ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީ އަށް ތާއީދުކުރާ ހަނގުރާމަވެރިން ހޫޘީންގެ މައްޗަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަމަށްވެސް ސައޫދީ ގައި ހަރަކާތްތެރިވާ ޔަމަންގެ ސަރުކާރުން ބުނެއެވެ.ސައޫދީގައި ހަރަކާތްތެރިވާ ޔަމަން ސަރުކާރުގެ ތަރްޖަމާނަކު ވިދާޅުވީ އެގައުމުގެ ދެކުނުގެ ރަށެއްކަމަށްވާ އަދަންގެ އެއަރޕޯޓާއި އަދަންގެ ބޮޑު ބައެއް ހޫޘީ ހަނގުރާމަވެރިންގެ އަތްދަށުން އަތުލައި އިއްޔެ އެތަންތަން މިނިވަންކޮށްފައިވާ ކަމަށެވެ.