ވިޔަފާރި

ޕާޓާގެ ރާއްޖޭގެ ގޮފީގެ މެމްބަރަކަށްވުމުގެ ފުރުސަތު ހުޅުވާލައިފި


ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން، ޕާޓާގެ ރާއްޖޭގެ ގޮފީގެ މެންބަރުކަމަށްވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

2019 ވަނަ އަހަރު ޤާއިމްކުރި ޕާޓާ ރާއްޖޭގެ ގޮފީގެ ކަންކަން ކުރިޔަށް ގެންދަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާޒް މަޓާޓޯގެ ފަރާތުންނެވެ.

ޕާޓާގެ ރާއްޖޭގެ ގޮފި އުފެދުނު ހިސާބުން އެކިކަހަލަ ޓްރެއިނިންތަކާއި، ބޭރުގެ ފެއަރތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރަތްތަކުން ބައިވެރިވުމަށް ދަނީ އެހީތެރިވަމުންނެވެ. މިއަހަރު ޕާޓާ މޯލްޑިވްސް ޗެޕްޓަރގެ މެންބަރަކަށްވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އާންމުކޮށް މިކަން ހުޅުވަލާފައިވާއިރު، މަޓާޓޯގެ މިހާރުގެ މެންބަރުންނާ އައު މެންބަރުންނަށްވެސް މިފުރުސަތު އޮންނާނެއެވެ.

1951 ވަނަ އަޖަރު ޤާއިމްކޮށްފައިވާ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން، ޕާޓާއަކީ އޭޝިއާ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރާ ނޮން ޕްރޮފިޓް އެސޯސިއޭޝަނެކެވެ.

މިއެސޯސިއޭޝަނަކީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ދާއިރާއާ ގުޅުން ހުރި ސާވޭ ހެދުމާއި، މާކެޓް ދިރާސާތައް ހެދުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، މިދާއިރާގެ އިންސާނީ ވަސީލަތް ބިނާކުރުމުގައި ބޮޑު ދައުރެއް އަދާކުރާ އެސޯސިއޭޝަނެކެވެ. މިގޮތުން ޕާޓާއިން ދަނީ އެކި ޤައުމަކާއި، ފަތުރުވެރިކަމާބެހޭ އިދާރާތަކާ، އަމިއްލަ ކުންފުނިތަކުގެ އިތުރުން 25 ބައިނަލްއަޤްވާމީ އެއަރލައިންތަކާ އެއަރޕޯޓާއި ހޮސްޕިޓާލިޓީ ދާއިރާގައި ހަރަކާތްތެރިވާ 108 އޯގަނައިޒޭޝަން އަދި މިދާއިރާގެ ތައުލީމާއި ތަމްރީނުދޭ 75 އިންސްޓިޓިއުޓަކާއެކު މަސައްކަތް ކުރަމުންނެވެ.

ޕާޓާއިން ދަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި 43 ގޮފި ހިންގަމުންނެވެ. މިތަންތަނުގެ މެންބަރުންނަށްވާ ފަރާތްތަކަށް ފަތުރުވެރިކަމުގެ ފެއަރތަކުގައި ބައިވެރިވުމަށް ފަހި ފުރުސަތުތައް ދަނީ ފޯރުކޮށްދެމުންނެވެ. އަދި ދާއިރާއާ ގުޅުންހުރި ޓްރެނިންނާއި އެހެނިހެން ހަރަކާތްތަކުގައި ޕާޓާ މެންބަރުންނަށް ބައިވެރިވެވޭނެއެވެ. އަދި ޕާޓާ މެންބަރުންނަށް ދުނިޔޭގެ އެކި ތަންތަނުގައި ބާއްވާ ފެއަރ، އެގްޒިބިޝަން އަދި އެކްސްޕޯތަކުގައި ބައިވެރިވުމަށް ހެޔޮ އަގުތައް ހޯދައިދެއެވެ.