ޚަބަރު

އޮސްޓްރޭލިޔާގައި އަނދަމުންދާ އަލިފާންގަނޑުތަކަކީ ޢާންމުކަމަކަށްވުމުގެ ބިރު!


މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އޮސްޓްރޭލިޔާގެ ޖަންގަލީތަކުގައި އަނދަމުންދާ ބިޔަ އަލިފާންގަނޑުފަދަ ޤުދުރަތީ ކާރިޘާތައް ޢާންމުވުމަކީ އެކަށިގެންވާކަމެއްކަމަށް ސައިންސްވެރިން ބުނެފިއެވެ.

މިދިޔަ 2019ވަނަ އަހަރުގެ ހޫނު މޫސުމާ ދިމާކޮށް އޮސްޓްރޭލިޔާގެ އެކި ސަރަޙައްދުތަކުގައި އަނދަމުންދާ އަލިފާންގަނޑުތަކުގެ ސަބަބުން އެތައް ހާސް ހެކްޓަރުގެ ބިންވަނީ އަނދާ ހުލިވެފައެވެ. މިހާތަނަށް މި އަލިފާންގަނޑުތަކުގެ ސަބަބުން މަރުވި މީހުންގެ ޢަދަދުވަނީ 28އަށް އަރާފައެވެ. އަދި މި ޙާދިސާގެ ސަބަބުން އެތައް މިލިއަން ޖަނަވާރެއް މަރުވެ، ދެހާހަށްވުރެ ގިނަ ގެދޮރުވަނީ ބޭނުންނުކުރެވޭވަރަށް އަނދާފައެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކްލައިމެޓް އިމްޕެކްޓް އޮފީހުގެ އިސްވެރިޔާ ރިޗަޑް ބެޓްސް ވިދާޅުވީ މޫސުމަށް އަންނަމުންދާ ބަދަލުތައް ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭނެކަމަށް ނުބެލެވޭކަމަށެވެ. އެހެންކަމުން، މިހާރު ދުނިޔެއަށް އަންނަ މޫސުމީ ބަދަލުތަކަކީ ޢާންމު ކަމަކަށްވުމަކީ އެކަށީގެންވާކަމެއްކަމަށްވެސް ބެޓްސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މޫސުމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އޮސްޓްރޭލިޔާގެ ޖަންގަލީތަކުގައި އަލިފާންގަނޑުތައް ބޮޑަށް ފެތުރޭފަދަ މޫސުމީ ޙާލަތްތައް އިންތިހާ ދަރަޖައަކަށް އިތުރުވެ، މިފަދަ ޙާލަތްތައް ދިގުލައިގެންދާ މުއްދަތު އިތުރުވެފައިވާކަމަށެވެ.

އަދި މި ބަދަލުތަކަކީ ހަމައެކަނި އޮސްޓްރޭލިޔާއިން ފެނިފައިވާ ބަދަލުތަކެއް ނޫންކަމަށާއި އެމެރިކާ، ކެނެޑާ އަދި އެމޭޒަން ޖަންގަލީގެ ސަރަހައްދުތަކުންވެސް މިފަދަ ބަދަލުތައް ފާހަގަވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.