ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަންގެ ގޭމްސްގެ އެތުލެޓިކްސް އިވެންޓްގެ 200 މީޓަރ ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާއިދު ލޯ މެޑަލް ހޯދައިފިއެވެ.
ކަތުމަންޑޫގެ ދަސާރާތު ސްޓޭޑިއަމްގައި ކުރިޔަށްދިޔަ އެތްލެޓިކްސް އިވެންޓްގައި ދެކުނު އޭޝިއާގެވެސް އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާއިދު ލޯ މެޑަލް ހޯދީ ފައިނަލްގައި 21.22 ސިކުންތުން ރޭސް ނިންމައިގެންނެވެ. ސާއިދު ވަނީ ސައުތް އޭޝިއަން ގޭމްސްގެ 100 މީޓަރ ދުވުމުން ރަން މެޑަލް އިއްޔެ ހޯދާފައެވެ. މިއީ ސައުތް އޭޝިއަން ގޭމްސްއިން ރާއްޖެއަަށް ލިބުނު ފުރަތަމަ ރަން މެޑަލްއެވެ.
200 މީޓަރ ދުވުމުން ރަން މެޑަލް ހޯދީ ޕާކިސްތާންގެ ދުވުންތެރިޔަ އުޒައިރް ރެޙްމާންއެވެ. އެއީ 21.15 ސިކުންތުން ރޭސް ނިންމައިގެންނެވެ. 200 މީޓަރ ދުވުމުން ރިހި މެޑަލް ސްރީ ލަންކާގެ ވިނޯޖް ސުރަންޖަޔާ ހޯދީ 21.19 ސިކުންތުން ރޭސް ނިންމައިގެންނެވެ.
200 މީޓަރ ދުވުމުގެ ފައިނަލަށް ސާއިދު ދަތުރުކުރީ ފުރަތަމަ ހީޓުގައި 21.83 ސިކުންތުން ރޭސް ނިންމައިގެންނެވެ. ސާއިދު ރޭސް ނިންމީ ތިންވަނައަށެވެ.
ލޯ މެޑަލް ހޯދުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޙަސަން ސާއިދު ބުނީ، މި ކާމިޔާބަކީ އަމިއްލަ ނަފްސަށްވުރެއް ބޮޑަށް ޤައުމަށް ހޯދައިދެވުނު ކާމިޔާބެއް ކަމަށާއި، އެކަމާއި ދޭތެރޭ ވަރަށް ފަޙުރުވެރިވާކަމަށެވެ. ސާއިދު ބުނީ ކޯޗާއި ވާހަކަ ދެއްކުމަށްފަހު މިފަހަރުގެ ގޭމްސްގައި ބޮޑަށް ފޯކަސް ކުރީ 100 މީޓަރ ދުވުމުން ރަން މެޑަލް ހޯދަން ކަމަށާއި، 200 މީޓަރ ދުވުމަށް ޓްރެއިނިންގ ވެސް ނަހަދާކަމަށެވެ. ނަމަވެސް 200 މީޓަރ ދުވުމުގައި ރަނގަޅު ފައިޓެއް ދެވުނު ކަމަށް އުއްމީދު ކުރާކަމަށެއެވެ.
"އަސްލު ވަރަށް ފަޙުރުވެރިވޭ. އަސްލު ބޮޑަށް ފަޙުރުވެރިވަނީ ޤައުމަށް މި ކާމިޔާބީ ހޯދައިދެވުނީމަ. އަމިއްލަ ނަފްސަކަށް ނޫން ބޮޑަށް. ޤައުމަށް މި ހޯދައިދެވުނު ކާމިޔާބީއާއި ދޭތެރޭ ވަރަށް ފަޙުރުވެރިވޭ." ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާއިދު ބުންޏެވެ.
100 މީޓަރު ދުވުމުން ހޯދި ރަން މެޑަލުގެ ކުރިން ސައުތު އޭޝިއަން ގޭމްސް އިން މިހާތަނަށް ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީތައް ހިއްސާކޮށްފައި އެތުލީޓަކީ ސާއިދެވެ. އެގޮތުން 2016 ވަނަ އަހަރުގެ ގޭމްސްގެ 100 އަދި 200 މީޓަރު ދުވުމުން އޭނާ ހޯދި ރިހި މެޑެލްތައް ހިމެނެނީ، ދިވެހި ރާއްޖެއަށް ސަރަހައްދީ އެންމެ ބޮޑު ގޭމްސްގެ ރަން ވަނަތަކެއްގެ ގޮތުގަ އެވެ.