ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓްގައި ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން ބަލިވެއްޖެއެވެ. މި މެޗުން ރާއްޖެ ބަލިވީ 0-5 ގެ ނަތީޖާއަކުންނެވެ.
އިންޑިއާ އާއި ދިވެހިރާއްޖެ ބައްދަލުކުރި މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް އިންޑިއާއިން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ ހަވަނަ މިނިޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ދަންގްނޭ ގްރޭސްއެވެ. އިންޑިއާއިން ޖެހި ދެވަނަ ގޯލު މެޗުގެ 26 ވަނަ މިނިޓުގައި އެ ޓީމުން ޖެހި އިރު ތިންވަނަ ގޯލު ޖެހީ 35 ވަނަ މިނިޓުގައެވެ.
ދެވަނަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު އިންޑިއާއިން ލީޑު އިތުރަށް ފުޅާ ކުރީ މެޗު ނިމެން ދަނިކޮށް 87 ވަނަ މިނިޓުގައެވެ. އަދި މެޗުގެ އެންމެ ފަހު ލަނޑު އިންޑިއާއިން ޖެހީ 89 ވަނަ މިނިޓުގައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އަންހެނުންގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަޙްމަދު ނާޝިދު (ނާދު) ބުނީ، މެޗުގައި އެންމެ ހިތްހަމަޖެހޭ ވަރުގެ ކުޅުމެއް ނުދެއްކުނު ނަމަވެސް ނަތީޖާއާ މެދު ހިތްހަމަޖެހޭކަމަށެވެ. ނާދު ބުނީ އެހާ ދިގު ދަތުރެއްކޮށްފައި އައިސް އެއްވެސް ވަރަކަށް ރެސްޓްކުރަން ވަގުތު ނުލިބި މެޗު ކުޅެން ޖެހުމުން އުނދަގޫ ތަކެއް ކުރިމަތިވިކަމަށެވެ.
"މިއަދުގެ މެޗުގައި އަޅުގަނޑުމެން އެންމެ ހިތްހަމަޖެހޭ ވަރެއް ނުވޭ. އެހެން ނަމަވެސް ރަނގަޅޭ ބުނެވިދާނެ. އަޅުގަނޑުމެން އެހާ ބޮޑު ދިގު ދަތުރެއް ކޮށްފައި އައިސް މިތާގައި ރެސްޓެއް ނުލިބި، މެޗު ކުޅެން ޖެހުނީމައި އެއީ އެންމެ ބޮޑަކަށް ދިމާވި މައްސަލައަކީ." ޤައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗު ނާދު ބުންޏެވެ.
ނޭޕާލްގެ ޕޮކަހަރާ ސިޓީގައި ކުރިއަށްގެންދާ އަންހެނުންގެ ފުޓްބޯޅަ އިވެންޓުގައި ބައިވެރިފައިވަނީ ދިވެހިރާއްޖެ، އިންޑިއާ، ސްރީލަންކާގެ އިތުރުން މުބާރާތް ބާއްވާ ޤައުމު ނޭޕާލެވެ. މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއެވެ.
ގޭމްސްގައި އަންހެނުންގެ ޤައުމީ ފުޓްބޯޅަ ޓީމު ކުޅޭ ދެވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނޭޕާލާ ދެކޮޅަށް ނުކުންނާނެއެވެ. ލީގު ބުރުގެ ފަހު މެޗުގައި ހޮނިހިރު ދުވަހު ވާދަކުރާނީ ސްރީ ލަންކާއާއެވެ.