މާޒިޔާގެ އެންމެ ބޮޑު ކާމިޔާބަކީ އެއް އާއިލާއެއް ގޮތުގައި ކުރާ މަސައްކަތް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
މާޒިޔާ އެކަޑަމީތަކުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ރޭ އެފްއޭއެމް އެއް ނަންބަރު ޓާފް ދަނޑުގައި ބޭއްވި ހަފްލާގައި ވާހަދައްކަމުން އެފްއޭމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އެފްއޭއެމްގެ މިހާރު މެނޭޖްމެންޓްގެ އަހަރީ ދުވަހު މާޒިޔާގެ އެކަޑަމީތަކުގައި ކާމިޔާބީ ފާހަގަކުރެވޭތީ އެކަން ފާހަގަކޮށްފައެވެ.
ބައްސާމް ވިދާޅުވީ އެއީ އިއްތިފާޤެއްކަމަށާއި އެފްއޭއެމްގެ މިހާރު މެނޭޖްމަންޓް އެކުލަވާލީ ފުޓްބޯޅައިގެ އާޖީލެއް ބިނާކުރަންކަމަށާއި އެނާ އިސްވެހުރެ ފެށި މަސައްކަތުގައި މާޒިޔާއިން އަޅައިދިނީ މުހިންމު ފިޔަވަޅެއްކަމަށެއެވެ. ބައްސާމް ވިދާޅުވީ އޭނާގެ އުންމީދަކީ ރާއްޖޭގެ އެހެން ކުލަބުތަކުގެ އެޑަމީތައްވެސް މާޒިޔާ ހިންގެވި މަގުން އެކެޑަމީތަށް ހަރުދަނާކޮށް ހިންގެވުންކަމަށެއެވެ.
" އަޅުގަނޑުމެން އާ މެނޭޖްމެންޓާ ހަވާލުވުމަށްފަހު އެންމެ ބޮޑަށް ވިސްނީ ޓުވާޑްސް ފިއުޗާރގެ ބެނާގެ ދަށުން ފުޓްބޯޅާގެ އާޖީލެއް ބިނާކުރުމުގެ މަސައްކަތް ، އެމަސައްކަތުގެ މުހުންމި ބަޔެއް މާޒިޔާއިން ފުރިހަމަ މިކޮއްދެނީ ، ވަރަށް ބޮޑަށް މަރުހަބާ މާޒިޔާއަށް." ބައްސާމް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ މާޒިޔާ އެންމެ ބޮޑު އެއް ކާމިޔާބީއަކީ އެއް އާއިލާއެއްގެ ގޮތުގައި ޓީމުން ކުރާ މަސައްކަތް ކަމަށާއި މާޒިޔާއިން ދިވެހި ފުޓްބޯޅަ ކުރިއެރުމަށް ކުރާ މަސައްކަތުގައި އެފްއޭއެމްގެ އެއްބާރުލުން އަބަދުވެސް ލިބޭނެކަމުގެ ޔަގީންކަން ބައްސާމް ވަނީ ދެއްވާފައެވެ.
ބައްސާމް ވަނީ މާޒިޔާގެ އެކަޑަމީގެ ކުޅުންތެރިންގެ ބެލެނިވެރިން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކޮށްފައެވެ.
މި ހަފްލާގައި ވާހަކަދައްކަމުން މާޒިޔާގެ ވައިސް ޗެއާމަން އިބްރާހިމް ވަހީދު ވިދާޅުވީ މާޒިޔާގެ އެކި އުމުރުފުރާތަކުގެ އެކަޑަމީތަކުން ތަމްރީންވާ ކުޅުންތެރިންނަށް އަބަދުވެސް ސީނިޔާ ޓީމުގެ ދޮރު ހުޅިވިފައި ހުންނާނެކަމަށެއެވެ.
މިހަފްލާގައި ވަނީ މާޒިޔާގެ 14 އަހަރުން ދަށާއި 12 އަހަރުދަށުގެ ކުޅުންތެރިންނާ އޮފިޝަލުން ހޯދި ކާމިޔާބީގެ އަގުވަޒަންކޮއްފައެވެ. މާޒިޔާއިން ވަނީ މިއަހަރު ބޭއްވި 14 އަހަރުންދަށާއި 12 އަހަރުން ދަށުގެ ލީގު ކާމިޔާބުކުރުމުގެ އިތުރުން އިންޑިޔާގައި ބޭއްވި 14 އަހަރުން ދަށުގެ އިންޓަނޭޝަނަލް ކަޕް އޮފް ޖޯއި މުބާރާތް ކާމިޔާބުކޮށްފައެވެ.