ޚަބަރު

ޕީޖީ ބިޝާމް ވަކިކުުރުގެ މަސައްކަތް އަނެއްކާވެސް ފަށައިފި


ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ނިންމައި، އެކަން ރައްޔިތުން މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެނައުމަށް ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޕީޖީ ބިޝާމްއާއި ގުޅޭގޮތުން ހުށަހެޅިފައިވާ ކަންކަން ބަލައި ކުރިއަށް ގެންދިއުމުގެ ކުރިން އެކަން މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ފޮނުވުމަށް ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އައުލަބިއްޔަތުންވަނީ ފާސްކޮށްފައެވެ.

ކޮމިޓީގެ ނައިބް މުޤައްރިރު މޫސާ ސިރާޖް ވިދާޅުވީ ކުރީ ފަހަރުތަކުގައި ބިޝާމްގެ މައްސަލަ ކުރިއަށް ނުދިޔަކަމުގައި ވީނަމަވެސް މިފަހަރު ބިޝާމް ވަކިކުރުމަށް ކޮމިޓީން ނިންމާފައިވާކަމަށެވެ. އަދި މަޖިލީހުގެ މިހާރުގެ ޤަވާއިދު ހަމަޖެހިފައިވާގޮތުގެ މަތީން މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް މިކަން ގެނައުމަށްފަހު ކޮމިޓީން ބިޝާމް މަޤާމުން ވަކިކުރުމުގެ މަސައްކަތް ކުރާނެކަމަށެވެ.

ޕީޖީ ބިޝާމް އެކި މަރުހަލާ ތަކުގައި ދައުވާތައް ކުރައްވާފައިވާގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައިވެސް ބިޝާމް ވަކިކުރުމުގެ މަސައްކަތްވަނީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް ފަހުން އެމައްސަލަ ވަނީ ބާޠިލްކޮށްފައެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގައި 2 ފަހަރެއްގެ މަތިން ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެއްވެސް ފަހަރަކު މަޖިލީހުގެ ތަޅުމާއި ހަމަޔަށް އެ މައްސަލަ ގޮސްފައެއްނުވެއެވެ. އޭރު މަޖިލީހަށް ޕީޖީގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުން ހައްޔަރުކުރިއިރު، އެ މެންބަރުން ހައްޔަރުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިތޯ ޕްރޮސިކިއުޓާ ޖެނެރަލް ކަށަވަރު ކުރައްވާފައިނުވުމާއި، އޭރު ޕީޖީ އަމަލުކޮށްފައިވާ ގޮތުންކަމަށް މިމައްސަލަ ހުށަހެޅުއްވި މެމްބަރު އޭރު ވަނީ ވިދާޅުވެފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމަށް އައިޝަތު ބިޝާމް އައްޔަން ކުރައްވާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.