މުނިފޫހިފިލުވުން

އެންމެ ކަމުދަނީ ކޮން ޕޯސްޓެއް


މަޝްހޫރު ތަރިން ހެނދުނު ހޭލީންސުރެ ނިދުމާއި ހަމައަށް ކުރާކަންކަން ޝޯޝަލް މީޑިއާގައި އާއްމުކުރުމަކީ ފޭނުނަށް ދޭ ހަދިޔާއެއްކަމަށް ގިނަ ފަންނާނުން ގަބޫލުކުރެއެވެ. ދާ ޕާޓީތަކާއި ކުރާ ބާޒާރުތަކާއި އާއިލާއާއި އެކު ހޭދަކުރާ ވަގުތަކުގެ އިތުރުން ޕެޓްގެ ގޮތުގައި ގެންގުޅޭ ޖަނަވާރާއިއެކު ހޭދަކޮށްލާ ވަގުތުތައްވެސް ގިނަ ސެލެބްރިޓީން ދަނީ އެމީހުންގެ އިންސްޓަރގްރާމް ޕޯސްޓްތަކުން މުޅި ދުނިޔެއަށް ދައްކާލަމުންނެވެ.

މި ފަހަރު މި ބަލާލަނީ މިދިިޔަ ހަފްތާގައި ބޮލީވުޑް ތަރިން އާއްމުކުރި އިންސްޓަރގްރާމް ޕޯސްޓްތަކުން އެންމެ ގިނަބަޔަކަށް ކަމުދިޔަ ބައެއް ޕޯސްޓްތަކަށެވެ.

އެންމެ ކުރީގައި އުޅެނީ ސުޕަސްޓަރ ޝާހްރުކްހާން މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މޮޑެލް ޑުއާ ލިޕާ އާއި އެކު ނަގާފައިވާ މި ފޮޓޯއެވެ. ވަން ޕްލަސް މިއުޒިކް ފެސްޓިވަލްގެ ތެރެއިން ނަގާފައިވާ މި ފޮޓޯގައި އިންސްޓަގްރާމްގައި ޝެއާ ކުރުމަށްފަހު ޝާހުވަނީ އެނާ ކިޔާދިން ސްޓެޕްތައް ޑުއާގެ ކޮންސެޓްގައި ދައްކާލުމަށް އެދިފައެވެ.

ކަރީނާ ކަޕޫރާއި ސައިފް އަލީހާންގެ ދަރިފުޅު ތައިމޫރަކީ ސްޓާރުންގެ ދަރިންގެ ތެރެއިން އެންމެ ގިނައިން ބޮލީވުޑްގެ ސުރުހީތަކުން ޖާގަ ހޯދަމުން އަންނަ އެންމެ ތުއްތު ކުއްޖާއެވެ. ކަރީނާ އާއި ސައިފަށްވުރެ ތައިމޫރްގެ މަގުބޫލުކަން އިންތިހާއަށް ބޮޑެވެ. ތައިމޫރުގެ ކޮންމެ ފޮޓޯއެއް ކޮންމެ ވީޑިއޯއެއް ވައިރަލްވެއެވެ.

ބޮޑުދައިތަ ސޯހާ އަލީ ހާން އިންސްޓަގްރާމަށް ދޫކޮށްލި މި ފޮޓޯއަކީވެސް ތައިމޫރްގެ ލޯބިކަން ފެނިގެންދިޔަ ފޮޓޯއެކެވެ. ކުޑަކުދިންގެ ދުވަހާއި ދިމާކޮށް ޝެއާކުރި މި ފޮޓޯގައި ތައިމޫރުއާއި އެކު ސޯހާގެ އަންހެން ދަރިފުޅު އިނާޔާ ދެކުދިން ތިބެނީ އައިސްކޯނެއް ޝެއަރ ކުރުމުގައެވެ.

މިދިޔަ ހަފްތާގެ އިންސްޓަގްރާމް ޕޯސްޓްތަކުން ސޮނާކްޝީގެ މި ފޮޓޯއަކީވެސް ގިނަ ބަޔަކަށް ކަމުދިޔަ ފޮޓޯއެކެވެ. މި ފަހަރުގެ ކުޑަކުދިންގެ ދުވަސް ސޮނާކްޝީ އާއި މަންމަ ޕޫނަމް ފާހަގަކުރީ ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ ތުއްތު ކުދިންކޮޅަކާއި އެކުއެވެ. އެކުދިންގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަދިނުމުގައެވެ.

ބޮލީވުޑްގައި މިހާރު އެންމެ ނަން ހިންގާ ޖޯޑަކީ ރަންވީރާއި ދިޕިކާއެވެ. ކައިވެންޏަށް ފަހު މިދެތަރިން އެކުގައި ފިލްމަކުން ފެންނަން ތައްޔާރުވަމުން އަންނައިރު މިދިޔަ ހަފްތާގައި މި ޖޯޑު ވަނީ އެމީހުންގެ ވެޑިން އެނިވާސަރީވެސް ފާހަގަކޮށްފައެވެ.

ކެޓްރީނާއާއި ޑައިރެކްޓަރ ރޯހިތް ޝެޓީ މިވަގުތު އަންނަނީ ސޫރިޔަންވަންޝީގެ ސެޓްގައި އެކުގައި މަސައްކަތްކުރަމުންނެވެ. އެ ފިލްމުގެ ސެޓުގައި އެކި ކުލަކުލައިގެ ގަލަންތައް ބަދަލުކުރާ މި ފޮޓޯ ކެޓްރީނާ ސެއަރކޮށްފައިވަނީ ސޫރިޔަވަންޝީގެ ޑައިރީ ފޮޓޯއެއްގެ ގޮތުގައެވެ.

އަރުޖުން ކަޕޫރުގެ ކުރިޔަށް އޮތް ފިލްމުގެ ބައިވެރިޔާ ރަކުލް ޕްރީތް އާއި އެކު ސަކަރާތް ޖަހާ މި ފޮޓޯ ސެޝަންވެސް ގިނަ ބަޔަކަށް ކަމުގޮސްފިއެވެ. މި ދެތަރިން އެކުގައި ފެނުމުގެ އިންތިޒާރުގައި ތިބި މީހުންނަށް އަރުޖުންގެ މި ޕޯސްޓުން ފިލްމަށް ކުރެވޭ އުއްމީދުވެސް ވަނީ ބޮޑުވެފައެވެ.

ކެޓީ ޕެރީއާއި އެކު މި ފަހަރު ޖެކްލިން އެވެ. ވަން ޕްލަސް މިއުޒިކް ފެސްޓިވަލްގެ ޕްރެސް ކޮންޕަރެންސްގެ ތެރެއިން ނަގާފައިވާ މި ފޮޓޯގައި ކެޓީއާއި އެކު އެއް ސްޓޭޖަކުން ފެނިގެންދާތީ އެކަމުގެ އެކްސައިޓްމަންޓް ޖެކްލިން މޫނުމަތިން ހަބޭހަށް ފެނެއެވެ.