ޚަބަރު

ބަޖެޓާމެދު މެންބަރުން ފާޅުކުރި ޚިޔާލުތައް ކޮމިޓީއަށް


އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގެ ފުރަތަމަ މަރުހަލާ ނިންމާލައިފިއެވެ.

އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވަނީ 37.5 ބިލިޔަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. މަޖިލީހުގައި ހިމެނޭ ހުރިހާ މެމްބަރުންނަށް އެދާއިރާއަކަށް ކަނޑައަޅާފައިވާ ބަޖެޓާއި، ދާއިރާގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށް ކޮންމެ މެންބަރަކަށް ބަޖެޓުގެ ބަހުސްގެ ފުރަތަމަ މަރުހަލާގައި 15 މިނިޓް ދެއްވާފައިވެއެވެ. ބަހުސްގެ މަރުހަލާ މިމަހުގެ 12 ވަނަ ދުވަހުގެ ފެށިގެން މިއަދާއި ހަމައަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ބަޖެޓުގެ ބަހުސްގައި 7 މެންބަރުން ފިޔަވައި ދެން ތިއްބެހި ހުރިހާ މެންބަރުން ބައިވެރިވެފައިވާކަން މަޖިލީހުގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މިއަދުގެ ޖަލްސާގެ މެމްދުރުފަހުގެ ދަންފަޅިއާއިހަމައަށް ބަޖެޓަށް ވާހަކަ ދައްކަން ބޭނުންވި 80 މެމްބަރަކަށް ވަނީ ފުރުސަތުދީފައެވެ. ބަޖެޓުގެ ބަހުސް މަރުހަލާ ނިންމާލަމުން މަޖިލީހުގެ ރިޔާސަތުން ވިދާޅުވީ ބަހުސްގައި މެމްބަރުން ފާޅުކުރެއްވި ކަންތައްތައް ބަޖެޓް ކޮމިޓީގައި އިތުރަށް ދިރާސާކުރެވިގެން ދާނެކަމަށެވެ. އަދި ކޮމިޓީން ބަޖެޓް ދިރާސާކުރުމަށްފަހު މަޖިލީހަށް ހުށަހަޅާއިރު މެމްބަރުންގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ބަޖެޓަށް ބަހުސްކުރުމަށްޓަކައި ފުރަތަމަ މަރުހަލާގައި ކޮންމެ މެމްބަރަކަށް 15 މިނިޓް ދީފައިވާއިރު، ކޮމިޓީން ބަޖެޓް ދިރާސާކުރުމަށްފަހު ތަޅުމަށް ހުށަހެޅުމުން ކޮންމެ މެމްބަރަކަށް އިތުރު 7 މިނިޓްގެ ފުރުޞަތެއް ދިނުމަށް މަޖިލީހުގެ ރައީސް ވަނީ ނިންމަވާފައެވެ. ބަޖެޓް ދިރާސާކުރަމުންދަނީ މާލިއްޔަތު ކޮމިޓީއާއި، އިޤްތިޞާދީ ކޮމިޓީ އެއްކޮށްލައިގެން އުފައްދާފައިވާ ބަޖެޓް ދިރާސާކުރާ ކޮމިޓީންނެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓްގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ދައުލަތުން ލަފާކޮށްފައިވަނީ 35.6 ބިލިއަން ރުފިޔާއެވެ. އަދި އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 29.9 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ވާނީ 5.7 ބިލިއަން ރުފިޔާއިންކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 5.8 އިންސައްތަކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.