ޚަބަރު

އެން ހޯދުމަށް ޑައިވްކުރާ މަސްވެރިން ޑީކޯވުން އިތުރުވަމުންދާތީ މަޖިލީހަށް ޤަރާރެއް


މަސްވެރިން ފީނައިގެން އެން ހޯދުމުގެ ތެރޭގައި ޑީކޯވުން އިތުރުވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވައިފިއެވެ. ޖާބިރު ހުށަހެޅުއްވި މިޤަރާރު މަޖިލީހަށް ބަލައިގަނެ ޤަރާރަށްވަނީ ބަހުސްކޮށްފައެވެ.

ޤަރާރު ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ ރާއްޖެއަކީ މަސްވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށްވުމުން، މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށެވެ. ފަހަކަށް އައިސް މަސްވެރިން އެން ހޯދުމަށް ކަނޑުގެ އަޑިއަށް ފީނައިގެން ކުރާ މަސައްކަތުގައި ހިތާމަވެރި ގޮތްތަކެއް ދިމާވަމުންދާކަން ޖާބިރު ވަނީ ފާހަގަކޮށްފައެވެ.

މިފަދަ ހާދިސާތަކުން މަސްވެރިން ރައްކާތެރިކުރުމުގައި ސަރުކާރުންވެސް އެކަށީގެންވާ އަވަސް ފިޔަވަޅު އެޅޭނެ އިންތިޒާމުތަކެއް ޤާއިމްކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. މިޤަރާރަށް ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ވިދާޅުވީ މަސްވެރިން އެންހޯދުމަށް ކުރާ މަސައްކަތުގައި އަމިއްލަ ފުރާނައަށް ނުރައްކާވާގޮތަށް އަމަލުކުރަންޖެހެނީ އެންހޯދުމަށް ދިމާވެފައިވާ ގޮންޖެހުން ބޮޑުވުމުން ކަމަށެވެ. ޖާބިރު ވަނީ އަމިއްލަ ފުރާނައަށްވުރެ އެއްވެސް ކަމެއް އިސްނުކޮށް ހުރިހާ ފަރާތްތަކުންވެސް ފީނާ އިރުއާއި ޑައިވް ކުރާއިރު ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް އިލްތިމާސް ކުރައްވާފައެވެ.

ޤަރާރަށް ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ވަނީ މެމްބަރުންގެ ސަމާލުކަމަށް 2003 ވަނަ އަހަރު އެކުލަވާލާފައިވާ ފީނުމާއި ޑައިވްކުރުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ޤަވާއިދު މެންބަރުންނާއި ހިއްސާ ކުރައްވާފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ ފީނާއިރު އަޅަންޖެހޭ ފުޅިއާއި، މާސްކާއި، މިނޫންވެސް ސަލާމަތަށް ރައްކާތެރި ވަސީލަތް ބޭނުންކުރަންޖެހޭކަމަށް މި ޤަވާއިދު ބަޔާންކުރާކަމަށެވެ.