ޑރ.އަފްރާޝީމްގެ މަރާއި މައުސޫމް މީހުންނާއި ގުޅުވައި ހަޤީޤީ ޤާތިލުން ފޮރުވުމަށް މަސައްކަތްކުރަމުންދާކަމަށް ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު ތުހުމަތު ކުރައްވައިފިއެވެ.
މަރުކޮމިޝަނުން އެކުލަވާލާފައިވާ މަރުހޫމް ޑރ.އަފްރާޝީމްގެ ޢަލީގެ މަރާއި ގުޅޭގޮތުން އެކުލަވާލި ރިޕޯޓްގައި ޑރ.ޝަހީމްއަށް ކުރައްވާފައިވާ ތުހުމަތު ދޮގުކުރައްވައި ކޮށްފައިވާ ޓްވީޓްގައި ޑރ.ޝަހީމް ވިދާޅުވީ ޑރ.އަފްރާޝީމްގެ މަރާއި މައުސޫމް މީހުންނާއި ގުޅުވަން ކުރާ މަސައްކަތަކީ ހަޤީޤީ ޤާތިލުން ފޮރުވުމަށް ކުރާ ކަމެއްކަމަށެވެ.
އަނިޔާވެރި އަމަލުތަކުން އޭނާ ބަރީޢަ ވަގެންވާކަން މާތްﷲ ދެނެވޮޑިގަންނަވާނެކަމަށްވެސް ޝަހީމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ. އަދި ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލިރޭ ޓީވީއެމްގެ ޕްރޮގުރާމަކަށް އެރުމާއި ގުޅޭގޮތުން އޭނާ މަރުކޮމިޝަނަށް ދީފައިވާނީ ތެދު މައުލޫމާތުކަމަށްވެސް ޝަހީމް ވިދާޅުވެފައިވެއެވެ.
ޑރ.އަފްރާޝީމްގެ ޢަލީގެ މަރާއި ގުޅިން މަރުކޮމިޝަނުން އެކުލަވާލި ރިޕޯޓްގެ ޚުލާސާ ބަޔާނުގައި ޑރ.ޝަހީމަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އެގޮތުން 1 އޮކްޓޯބަރު 2012 ގައި އަފްރާޝީމްއާއި ޝަހީމްއާއި ކުރެވުނު މުއާމަލާތްތަކުން އަފްރާޝީމް އެރޭ ޓީވީއެމް ޕްރޮގުރާމަށް އަރުމަށް ޑރ.ޝަހީމް ބާރު އެޅުއްވިކަން ރިޕޯޓުން ހާމަވެއެވެ. އަފްރާޝީމް ދީނީ ގޮތުން ޚިޔާލުތަފާތުވާގޮތަށް ދައްކަވާ ވާހަތަކާއި ގުޅިގެން ޓީވީ ޕްރޮގުރާމެއްގައި މަޢާފް އެދިވަޑައިގެންނެވުމަށްވެސް ޑރ.ޝަހީމް ދަންނަވާފައިވާކަމަށް ރިޕޯޓުގައި ވެއެވެ. އަދި މިކަން ކުރުމަށް މިނިސްޓްރީގައި ޕްރެސް ކޮންފަރެންސެއް ރޭވުމަށްވެސް އޭރުގެ އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް މަސައްކަތް ކުރެއްވިކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ޑރ.އަފްރާޝީމް ޢަލީގެ މަރާއި ގުޅިގެން ޑރ.،މުހައްމަދު ޝަހީމް ޢަލީ ސައީދުގެ ބަޔާނެއް ދެއްވުމަށް އެދުމުން ލިޔުމުން މަރު ކޮމިޝަނަށް ހުށަހެޅި ބަޔާނަކީ ދޮގު މައުލޫމާތުތަކެއް ހިމެނޭ ބަޔާނެއްކަން ކޮމިޝަނުން ބެލި ބެލުމުން ހާމަވާކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.