އަންނަ މަހު ނޭޕާލްގައި އޮންނަ ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ތައިލެންޑްގައި މިހާރު ހަދަމުން އަންނަ ތަމްރީންތަކުގެ ސަބަބުން ޓީމަށް ކުރިއެރުންތަކެއް އަތުވެއްޖެކަމަށް ޤައުމީ ޓީމުގެ އައިމިނަތު އިސްރާއު ޢަބްދުއްޝުކޫރު ބުނެފިއެވެ.
ރާއްޖެއިން ބޭރުގައި ކޭމްޕް ނުކުރާތާ ހަތަރު އަހަރު ފަހު ޤައުމީ ޓީމު މިހާރު ތައިލެންޑްގައި ކޭމްޕްކޮށް ޓްރެއިނިންގ ހަދަމުން އަންނައިރު މި ކޭމްޕްގައި ތައިލެންޑްގެ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓިމާއި އެއްކޮށް އެކުވެރިކަމުގެ މެޗެއް ވަނީ ކުޅެފައެވެ. މި މެޗުން ރާއްޖެވަނީ ބޮޑު ތަފާތަކުން ބަލިވެފައެވެ.
ކޭމްޕާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އިސްރާއު ބުނީ، މި ކޭމްޕްގެ ސަބަބުން ޓީމަށް ކުރިއެރުންތަކެއް އައިސްފިކަމަށާއި، ސަބަބަކީ މާލޭގައި ޤައުމީ ޓީމު ފަރިތަކުރުންތައް ކުރިޔަށްގެންދާއިރު ޤައުމީ ޓީމާއި އެއްކޮށް މެޗެއް ކުޅެވޭ ފެންވަރުގެ ޓީމެއް ނެތުން ކަމަށެއެވެ.
އިސްރާއު ބުނީ އަންހެންނަށް ޚާއްސަ ލީގެއް ބާސްކެޓްގައި ނެތް ނަމަވެސް، ޤައުމީ ޓީމު ޓީމެއްގެ ގޮތުގައި ކޭމްޕްކޮށް މަސައްކަތްކޮށްފިނަމަ ނަތީޖާ ފެންނާނެކަމަށް އޭނާ ޤަބޫލްކުރާކަމަށެވެ.
"އަސްލު ވަރަށް ބޮޑު އިމްޕްރޫވްމަންޓެއް އައިއްސި ކޯޒް މާލޭގައި ކުޅެނީ ބޯއިޒްއާ. އަސްލު ގާރލްސް ނުހުރެ ކޮމްޕީޓް ކުރާކަށް އެހެންވީމަ ބޯއިޒްއާއެކި ޕްރެކްޓިސް ކުރަން ޖެހެނީ އެހެންވީމަ ތަފާތު ކަމެއްވެސް ހުންނާނެ. ދެން އަންހެން ލީގެއް ކުޅުމަށްވުރެއް ޓީމެއް ނަގައިގެން ޓީމެއްގެ ގޮތުގައި ކޭމްޕްކޮށް މަސައްކަތްކުރާނަމަ މާގިނަ ތަޖުރިބާ ލިބިގެންދާނެ". އިސްރާއު ބުންޏެވެ.
ނޮވެމްބަރ މަހުގެ 1 އިން 10 ގެ ނިޔަލަށް ތައިލެންޑްގައި ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ކޭމްޕްކޮށް ޓްރެއިނިންގ ހަދަމުން އަންނައިރު، މި ޓްރެއިނިންގ ކޭމްޕްގައި 3 މެޗެއްވެސް ވަނީ ކުޅެފައެވެ. އެގޮތުން ތައިލެންޑްގެ ދެ ޔުނިވާސިޓީއަކާއި އެ ޤައުމުގެ އަންހެން ބާސްކެޓްބޯޅަ ޓީމާއި ދެކޮޅަށްވެސް ވަނީ މެޗެއް ކުޅެފައެވެ.