ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒް އައްޔަންކޮށްފި


ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަލްއުސްތާޛު މަހާޒު ޢަލީ ޒާހިރު ޢައްޔަންކުރައްވައިފިއެވެ.

މަހާޒް ސްޕްރީމްކޯޓުގެ ފަޑިޔާރުކަމާ ޙަވާލުވެ ވަޑައިގެންފައިވަނީ އެކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މަހާޒަށް ފަނޑިޔާރުކަމުގެ ހުވައިލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއެވެ. މަޤާމުގެ ފަތްކޮޅު އޭނާއާ ޙަވާލުކުރެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރުމަށް މަހާޒު ޢައްޔަންކުރެއްވުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 55 މެމްބަރުންގެ ތާއިދާއެކުއެވެ. މަހާޒާއެކު ތަޅުމަށް ކުރީގެ ބަންޑާރަ ނައިބް އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދުގެ ނަންފުޅުވެސް މަޖިލީހަށް ހުށަހަޅާފައިވެއެވެ. ނަމަވެސް މަޖިލިސް ޤަވާއިދު ހަމަޖެހިފައިވާގޮތުން ފުރަތަމަ ވޯޓަށް އަހާ ފަރާތަށް މެމްބަރުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ އިތުރުބޭފުޅަކަށް ވޯޓަށް އަހާކަށް ނުޖެހޭނެއެވެ.

ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ މަޤާމަށް ޢައްޔަންކުރެއްވުމަށް މަޖިލީހުން ރުހުންދެއްވި މަހާޒް ޢަލީ ޒާހިރަކީ ޑްރަގް ކޯޓުގެ ޤާޒީއެކެވެ. އޭގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ އެސިސްޓަންޓް ޕަބްލިކް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުގެ މަޤާމު ހުސްވެފައިވަނީ ފަނޑިޔާރުކަމުގެ މަޤާމުން އަލްއުސްތާޛް ޢަބްދުﷲ ދީދީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.