މުނިފޫހިފިލުވުން

"ދަބަންގް 3" ފުރަތަމަ ލަވައަށް 24 ގަޑިއިރުތެެރޭ 2.5 މިލިއަން ވިއުސް


މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އެއް ފިލްމުކަމަށްވާ ސަލްމާން ހާންގެ " ދަބަންގް 3" ސްކްރީންތަކަށް އަންނަން ދެން އޮތީ އެންމެ 49 ދުވަހެވެ. އެއާއި އެކު މި ފިލްމުގެ އުފެއްދުންތެރިން ވަނީ ފިލްމް ޕްރޮމޯޓްކުރުމުގެ މަސައްކަތް މެކުހަށް ޖަހާލާފައެވެ.

އިއްޔެ މި ވަނީ ފިލްމްގެ ޓައިޓްލް ޓްރެކް ލަވަ އާއްމުންނާއި ހަމައަށް ދޫކޮށްލާފައެވެ. "ހުޑް ހުޑް" ގެ ނަމުން ދީފައިވާ މި ލަވައިގެ އޯޑިއޯ ޔޫޓިއުބްގައި އާއްމުކުރިތާ 24 ގަޑިއިރުވެސް ނުވަނީސް 2.5 މިލިއަނަށް ވުރެ ގިނަ މީހުންވަނީ ބަލާފައެވެ.

"ހުޑް ހުޑް" މި ލަވަ ކިޔާފައިވަނީ ދިވްޔާ ކުމާރާއި ސާޖިދާއި ޝާދަބް ސަބްރީއެވެ. ސާޖިދް ވާޖިދްގެ މިއުޒިކަށް އުފައްދާފައިވާ މިލަވައިގެ ލިރިކްސް ލިޔެފައިވަނީ ޖަލީސް ސަރްވާނީއާއި ދާނިޝް ސަބްރީއެވެ.

މި ލަވައިގެ ވީޑިއޯ ލަވަ އަދި އާއްމުކޮށްފައެއް ނުވެއެވެ. މި ހަފްތާގެ ކުރީކޮޅު މި ފިލްމުގެ ފުރަތަމަ ޓްރެއިލަރ އާއްމުކުރުމުން 37 މިލިއަނަށްވުރެ ގިނަ މީހުންވަނީ ބަލާފައެވެ.

" ދަބަންގް 3" ގެ ވެސް ލީޑުރޯލުން ސަލްމާނާއި އެކު ފެނިގެންދަނީ ސޮނާކްޝީ ސިންހާއި އަރްބާޒު ހާންއެވެ. މީގެއިތުރުން މަހޭޝް މަންޖޭކަރުގެ އަންހެން ދަރިފުޅު ސާއީ މަންޖޭކަރު އެވެ. މީ ސާއީ ގެ ފުރަތަމަ ފިލްމެވެ.
މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ ޑިސެމްބަރު މަހުގެ 20 ވަނަދުވަހުއެވެ.