އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ހުށަހެޅުމަށްޓަކައި މަޖިލީހަށް ފޮނުވައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ހުށަހެޅުމަށްޓަކައި ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ބަޖެޓް މިއަދު މަޖިލީހަށް ފޮނުވާފައިވާކަމަށެވެ. ބަޖެޓް ހުށަހެޅުމަށް ޤާނޫނުގައި ބުނާ އެންމެފަހު ދުވަހަކީވެސް މިއަދެވެ. ޤާނޫނުގައި ބުނާގޮތުން ކުރިއަށް އޮތް އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް އޮކްޓޯބަރު މަސްނިމުމުގެ ކުރިން މަޖިލީހަށް ފޮނުވަންޖެހެއެވެ.
ފިނޭންސް މިނިސްޓްރީން ޢާއްމުކުރައްވާފައިވާ ފިސްކަލް އެންޑް ޑެޓް ސްޓްރެޓަޖީ ރިޕޯޓުގައިވާ ގޮތުން 39.6 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. ބަޖެޓްގެ ޖުމްލަ ޚަރަދަކީ 37 ބިލިއަން ރުފިޔާއެވެ. އަދި ބަޖެޓް ޑެފިސިޓް ނުވަތަ ދަރަނީގެ ގޮތުގައި އަންދާޒާކުރަނީ 5.5 ބިލިއަން ރުފިޔާއެވެ. އަދި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައިި 30.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެއެވެ.
ފިސްކަލް އެންޑް ޑެޓް ސްޓްރެޓަޖީ ރިޕޯޓުގައިވާ ގޮތުން އާމްދަނީއާއި ހިލޭއެހީގެ ގޮތުގައި 30.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު، މީގެތެރެއިން ޓެކްސް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 18.2 ބިލިއަން ރުފިޔާއެވެ. ޓެކްސްނޫން އާމްދަނީގެ ގޮތުގައި 6 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 4 ބިލިއަން ރުފިޔާއެވެ.
2020ވަނަ އަހަރު ދައުލަތުގެ ބޭސްލައިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 20 ބިލިއަން ރުފިޔާ ހޭދަ ވާނެ ކަމަށް ފިނޭންސްއިން ވަނީ ލަފާކޮށްފައިވެއެވެ. ބޭސްލައިން ކެޕިޓަލް ޚަރަދުގެ ގޮތުގައި ހޭދަވާނެކަމަށް ބަލާފައިވަނީ 11 ބިލިއަން ރުފިޔާއެވެ.
2020ވަނަ އަހަރުގެ ބަޖެޓްގައި ސަރުކާރުގެ ވުޒާރާތަކުގެ އިންފްރާސްޓްރަކްޗައަށް ހައްލުތަކެއް ހޯދުމަށާއި، ސަރުކާރުން ހުށަހަޅުއްވާފައިވާ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާފައިވާ ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުންދާއިރު އޮގަސްޓް މަހުގެ ތެރޭގައިވަނީ 1.7 ބިލިޔަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއްވެސް މަޖިލީހުން ފާސްކޮށްފައެވެ.