ޚަބަރު

ޖަޒީރާ ރާއްޖޭގެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް ކެޕިޓަލް މާކެޓުގެ ތެރެއިން ރަށްތައް ތަރައްޤީކުރެވިދާނެ - ރައީސް


ޖަޒީރާ ރާއްޖޭގެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް ކެޕިޓަލް މާކެޓުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ތަރައްޤީކުރުމުގެ މަޝްރޫތައް ހިންގިދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިކަން ހާމަކުރެއްވީ ކެޕިޓަލް މާކެޓް ފޯރަމް 2019 ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިންގ ނިޒާމު ރާއްޖޭގައި އޮތްނަމަވެސް ވިޔަފާރިތައް ކުރިއެރުމުގައި ދިމާވާ ގޮންޖެހުންތަކެއް ހުރިކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރެއިން ވިޔަފާރިތަކަށް އެކަށޭނަ މިންވަރަށް، ރާއްޖޭގެ މާލީ އިދާރާތަކުން ފަންޑު ލިބޭނެ ގޮތްތައް ނެތުމަކީ އެންމެ ބޮޑު ގޮންޖެހުންކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ބޭންކިންގ ނިޒާމުގެ ތެރެއިން ކުންފުނިތަކަށް ބޭނުންވާ މިންވަރަށް މާލީ އެހީތެރިކަން ލިބެންނެތްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މި މައްސަލައަށް އޮތް އެންމެ ރަނގަޅު ޙައްލަކީ ކެޕިޓަލް މާކެޓްކަމަށެވެ. އެގޮތުން ރާއްޖޭގައި ވިޔަފާރިތައް ފެށުމަށާއި، ވިޔަފާރިތައް ކުރިއަރުވަން ބޭނުންވާ ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ، އިތުރު ވަސީލަތެއްގެ ގޮތުގައި ކެޕިޓަލް މާކެޓް ހެދިދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސްކީމްތަކެއް މިހާރުވެސް ސަރުކާރުން ވަނީ ފަށާފައި. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ކެޕިޓަލް މާކެޓް ނިޒާމުގެ ތެރެއިން ގިނަ އިންވެސްޓަރުންގެ ބައިވެރިވުމާއެކު، މި ދެންނެވި ސްކީމްތައް ފުޅާކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް" ރައީސް ވިދާޅުވިއެވެ.

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި "މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެއް ސަރުކާރުން އުފެއްދެވުމުގެ ބޭނުމަކީ، ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ސަރުކާރު މެދުވެރިކޮށް ޕްރައިވެޓް ސެކްޓަރ އިންވެސްޓްމަންޓްތައް އިތުރުކުރުންކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ ކުންފުނީގެ މަޤްޞަދުތައް ހާސިލުކުރުމަށް ކެޕިޓަލް މާކެޓަކީ ވަރަށް އެކަށޭނަ މުއައްސަސާއެއް ކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖެ އޮންނަ ގޮތުން ތަރައްޤީގެ މަޝްރޫޢުތަކުގައި ބޮޑު ގޮންޖެހުމެއް ކުރިމަތިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކުޑަ އާބާދީއެއްގައި ކެޕިޓަލް މާކެޓް މެދުވެރިކޮށް، ޤައުމީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމަކީ ގޮންޖެހުމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާލީ އިދާރާތައް ގުޅިގެން މިކަމަށް އެދެވޭ ހައްލުތަކެއް ހޯދިދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްޤީކުރުމަށްޓަކައި، ކެޕިޓަލް މާކެޓުގެ ތެރެއިން ވަކި އިންތިޒާމެއް ހަމަޖައްސައި، ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީގެން، ރަށްތައް ތަރައްޤީކުރުމުގެ މަޝްރޫތައް ހަލުވި ދުވެއްޔެއްގައި ހިންގިދާނެ. އޭރުން ޖަޒީރާ ރާއްޖޭގެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުން ވަރަށް ފަސޭހަވާނެ" ރައީސް ވިދާޅުވިއެވެ.

މި ސަރަޙައްދުގެ އިސްލާމިކް ފައިނޭންސިންގގެ ހަބަކަށް ރާއްޖެ ހެދުމަކީ ސަރުކާރުގެ ތަޞައްވުރަކަށްވުމާއެކު، ރާއްޖޭގައި މިހާރު ފުޅާވަމުން އަންނަ އިސްލާމިކް ބޭންކިންގ އާއި، އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ކުރިއެރުވޭނީ، ކުންފުނިތަކާއި ސަރުކާރުވެސް، މާލީ އެހީތެރިކަން ހޯދާ ވަސީލަތެއްގެ ގޮތުގައި، އިސްލާމިކް ކެޕިޓަލް މާކެޓުގެ ވަސީލަތްތައް ބޭނުންކޮށްގެންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުން އިސްނަގައިގެން އިސްލާމިކް ޓޫރިޒަމް ރާއްޖޭގައި ތަރައްޤީ ކުރުމަށް ކުރައްވާ މަސައްކަތްތަކާއެކު، މި ފަދަ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ، ޢާންމުންގެ ބައިވެރިވުމާއެކު، އިސްލާމިކް ކެޕިޓަލް މާކެޓުގެ ތެރެއިން ހަމަޖެއްސުމަކީ، ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެ ދެމިއޮންނާނީ ތިމާވެށި ހިމާޔަތް ކުރެވިގެންކަމަށްވާއިރު، ތިމާވެށި ހިމާޔަތްކުރުމަށްޓަކައި މާލީ ދާއިރާއިންވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާލީ ދާއިރާއިން ތިމާވެށި ހިމާޔަތްކުރުމުގައި ބޭނުންވާ މާލީ އެހީތެރިކަމާއި، ޚިދުމަތް ދިނުމުގައި ތިމާވެށްޓަށް ގެއްލުން ކުޑަ ގޮތަކަށް ކަންކަން ކުރިއަށްގެންދެވިދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ހާސިލުރެވޭނީ، ވަގުތީ ޙައްލުތައް ލިބިދޭ ކުރު ރާސްތާގެ ރޭވުންތަކުގެ ބަދަލުގައި، ދާއިމީ ޙައްލަށް އަމާޒުކުރެވޭ ދުރު ރާސްތާގެ ރޭވުންތަކަށް އިސްކަންދީގެންކަމުން ކެޕިޓަލް މާކެޓް ފޯރަމްތަކުގައި ކަންކަން ނިންމާއިރު އެފަދަ ގޮތަކަށް ކަންކަން ނިންމުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.