ޚަބަރު

ފުރަތަމަ 6 މަސްދުވަހު އުފަންވި ކުދިންގެ ނިސްބަތް ދަށަށް


  • މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު 2538 ކުދިން އުފަންވި

  • މިދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު 2806 ކުދިން އުފަންވެފައިވޭ

  • މިދިޔަ އަހަރު ފުރަތަމަ 6 މަސް ދުވަހު 703 މީހުން ނިޔާވި

  • މިއަހަރު މިމުއްދަތުގައި ނިޔަވި މީހުންގެ އަދަދު 813 އަށް އަރާ

މިދިޔަ އަހަރަށް ވުރެ މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު އުފަންވީ ކުދިންގެ އަދަދު މަދުވެފައިވާ ކަމަށް ސިއްޙީ ވުޒާރާއާއި ތަފާސްހިސާބާބެހޭ ޤައުމީ އިދާރާ ގުޅިގެން ނެރޭ "ކުއަރޓަލީ ވައިޓަލް ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކައިފިއެވެ.

މި ރިޕޯޓު ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު އުފަންވެފައިވަނީ 2538 ކުދިންނެވެ.

ކުއާޓަލީ ވައިޓަލް ސްޓެޓިސްޓިކް ރިޕޯޓަކީ ރާއްޖޭގެ ވިހާ މަރުވުމާގުޅޭ ތަފާސްހިސާބުތައް ކޮންމެ 3 މަހަކުން އަދާހަމަކޮށް އާންމުކުރަމުންދާ ރިޕޯޓެކެވެ. މި ރިޕޯޓު ދައްކާ ގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ޖުމްލަ 2806 ކުދިން އުފަންވެފައިވެއެވެ. ނަމަވެސް މިއަހަރުގެ އެ މުއްދަތުގައި އުފަންވީ 2538 ކުދިންނެވެ. މިއީ ނިސްބަތުން %9.5 ނުވަތަ 268 ކުދިންގެ ފަރަޤެކެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ ފުރަތަމަ 6 މަސް ދުވަހު އެންމެ ގިނައިން އުފަންވެފައިވަނީ ފިރިހެން ކުދިންނެވެ. 2025 ވަނަ އަހަރު 1407 ފިރިހެން ކުއްޖަކު އުފަންވެފައިވާއިރު، މިއަހަރުގެ މިމުއްދަތުގައި އުފަންވީ 1309 ފިރިހެން ކުއްޖެކެވެ. މިދިޔަ އަހަރު ޖަނަވަރީން ޖޫން މަހުގެ ނިޔަލަށް އުފަންވީ 1399 އަންހެން ކުދިންނެވެ. މިއަހަރުގެ އެ މުއްދަތުގައި އުފަންވެފައިވަނީ 1229 އަންހެން ކުދިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނަ ކުދިން މިމުއްދަތުގައި ވިހާފައިވަނީ މާލެ ސަރަޙައްދަށެވެ. އަހަރުގެ ފުރަތަމަ 6 މަސް ދުވަހު އުފަންވި ކުދިންގެ %70 އަކީ މާލެއަށް އުފަންވި ކުދިންނެވެ. ބާކީ %30 ކުދިން އުފަންވީ އަތޮޅުތަކަށެވެ. މިއަހަރާއި މިދިޔަ އަހަރުވެސް، ނިސްބަތުން މިއަދަދު ހުރީ ދާދި އެއްވަރެއްގައި ހިފަހެއްޓިފައެވެ.

ތަފާސްހިސާބުތަކުން އެނގޭގޮތުގައި މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ރާއްޖޭގެ އުފަންވި ގިނަ ކުދިންގެ މައިންގެ އުމުރަކީ 30 އަހަރާއި 34 އަހާއި ދެމެދުއެވެ. މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުންވެސް މިއަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވާތަން ފެނެވެ.

ނިޔާވި މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ރާއްޖޭގައި ނިޔާވެފައިވަނީ 703 މީހުންނެވެ. މިއަހަރުގައި ފުރަތަމަ 6 މަސް ދުވަހު ނިޔާވި މީހުންގެ އަދަދު، 813 އަށް ވަނީ އަރާފައެވެ. ނިޔާވެފައިވާ މީހުންގެ ތެރޭގައި ގިނައީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ.

މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ނިޔާވި މީހުންގެ ތެރެއިން 89 ފަރާތަކީ ބިދޭސީންނެވެ. މިދިޔަ އަހަރު މިމުއްދަތުގައި ރާއްޖޭގައި ތިބި، 72 ބިދޭސީއަކު ނިޔާވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް މަދުވުމުގެ ކަންބޮޑުވުން އެބައޮތެވެ. ދުވަސްވީ އާބާދީ އިތުރުވެ ރާއްޖޭގައި މަސައްކަތްކުރާ އާބާދީ މަދުވުމުގެ ކަންބޮޑުވުމާއެކު އާބާދީއަށް އަންނަ ބަދަލާއެކު ރާއްޖޭގެ އިޤްތިޞާދާއި ދިވެހީންގެ މުސްތަޤުބަލަށްވެސް މީގެ އަސަރުކުރާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ. ރާއްޖޭގައި އޮތް ޒުވާން އާބާދީ ކުރިއަށްއޮތް 30 އަހަރުގެ ތެރޭގައި މުސްކުޅިވާއިރު ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް އަންނަނީ އަހަރުން އަހަރަށް ދަށްވަމުންނެވެ.

ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ދަށަށް ދާ މައިގަނޑު ސަބަބުތަކަކީ އިޖުތިމާޢީ މައްސަލަތަކާއި ގުޅިފައިވާ ކަންކަމެވެ. އެގޮތުން ބޯހިޔާވަހިކަމުގެ ދަތިކަމާއި، ވަރި ގިނަ ވުމުގެ މައްސަލަތައް ހިމެނެއެވެ.