ޚަބަރު

ނޫމަޑިއާއެކުވީ އެއްބަސްވުން އުވާލި މައްސަލާގައި ކުރީގެ ހައުސިންގ މިނިސްޓަރ މުއިއްޒު ކޮމިޓީއަށް ހާޒިރުކުރަނީ


ރަށްރަށުގައި ހައުސިންގ ޔުނިޓްތަކެއް އަޅަން ހަވާލުކުރި ނޫމަޑި އާއެކުވީ އެއްބަސްވުން އުވާލުމުން އެ ކުންފުންޏަށް ބޮޑު ބަދަލެއް ދޭން ޖެހުނު މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވީ ނޫމަޑީގެ އާބިޓްރޭޝަނުގައި ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު ދީފައިވާ ބަޔާންތައް ކޮމިޓީއަށް ލިބިފައިވާ ކަމަށެވެ. މިމައްސަލަ ދިރާސާކުރުމަށްޓަކައި ކޮމިޓީގެ އިތުރު ބައްދަލުވުމެއް މިހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ކޮމިޓީގެ މުޤައްރިރު ވިދާޅުވިއެވެ.

ނޫމަޑިއާއެކު އެއްބަސްވެފައިވަނީ އެކި ރަށްތަކުގައި 1100 ހައުސިން ޔުނިޓް އެޅުމަށެވެ. މި އެއްބަސްވުން އެއްވެސް ސަބަބެއްނެތި ކުރީގެ ސަރުކާރުން އުވާލުމާއި ގުޅިގެން އެއްބަސްވުން ބާޠިލްކުރި މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް 2017 ވަނަ އަހަރުވަނީ ހުށަހަހަޅާފައެވެ. ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ނޫމަޑިން ހުށަހެޅީ 2.3 ބިލިއަން ރުފިޔާ އާއި އާބިޓްރޭޝަނާ ގުޅޭ އެހެން ޚަރަދުތައް ހޯދުމަށެވެ.

މާލިއްޔަރު ކޮމިޓީން ބަލަމުންދާ މިމައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު އަންނަ ހަފްތާގެ ހޯމަދުވަހު ކޮމިޓީއަށް ހާޒިރުވުމަށް މިހާރު ވަނީ ސިޓީ ފޮނުވާފައެވެ.

މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ނޫމަޑިއަށް ދައުލަތުން ބަދަލު ދޭން ޖެހުނީ އެނޫން އެއްވެސް ގޮތެއް ނެތުމުންކަމަށެވެ. މިމައްސަލައަކީ އާބިޓްރޭޝަންގައިވެސް އޮތް މައްސަލައަކަށްވުމުން މިމައްސަލަ ބައިނަލް އަޤްވާމީ ކޯޓްތަކުގައި ބަލާނަމަ މިއަށްވުރެ ބޮޑު އަދަދަކުން ފައިސާ ދައްކަންޖުހުމަކީވެސް އެކަށީގެންވާކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިފައިސާ ނުދައްކައިފިނަމަ ދައުލަތަށް އިތުރު ގެއްލުންތަކެއް ވެދާނެކަމަށްބަލައި މިފައިސާ ދިނުމަކީ މިކަމަށް އޮތް ހައްލުކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.