ސިވިލްސަރވިސްގެ ޤަވާއިދާއި ޚިލާފަށް އެތައްދުވަހަކު ގަޑިޖެހި، މަސައްކަތަށް ފަރުވާކުޑަކުރަމުންއައި 11 މުވައްޒަފަކަށް 5 ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމަށް ޗިޓް ހަވާލުކޮށްފައިވާކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޓްރާސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ސިވިސްސަރވަންޓުންނަކީ ވަކި އުސޫލުތަކަކާއި ޤަވާއިދެއްގެ ތެރެއިން މަސައްކަތް ކުރުމުގެ ޒިންމާ މަތިކޮށްފައިވާބައެއްކަމަށެވެ. ނަމަވެސް އެއްވެސް ފަރުވާލެއްނެތި އެތައްދުވަހަކު ގަޑިޖެހި މަސައްކަތަށް ފަރުވާކުޑަކުރުމަކީ ސިވިލްސަރވިސްގެ ޤަވާއިދުގެ ދަށުން މުވައްޒަފުންނަށް ފިޔަވަޅު އެޅޭނެކަމެއްކަމަށެވެ.
އެގޮތުން އެމިނިސްޓްރީން ޖަވާބުދާރީވުމަށް ނޯޓިސް ދީފައިވާ 11 މުވަޒިފުންނަކީ އަހަރެއްގެ ތެރޭގައި 70 ދުވަހާއި 80 ދުވަހާއި ދޭތެރޭ އަދަދަކަށް ގަޑިޖެހިފައިވާ މުވައްޒިފުންތަކެއްކަމަށް އޮފިޝަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިނިސްޓްރީގެ އެޗްއާރު ޑިޕާޓްމަންޓަށް މި 11 މުވައްޒަފުން ހާޒުރުކޮށް ޖަވާބުދާރީވުމުގެ ފުރުޞަތުދީ އަޅަންޖެހޭ ފިޔަވަޅެއް އަޅާނެކަމަށެވެ. އަދި ކޮންމެ މުވައްޒަފަކާދޭތެރޭގައިވެސް އަމަލުކުރާނީ ސިވިލްސަރވިސްގެ ޤަވާއިދުގެ ތެރެއިންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވަޒީފާއިން ވަކިކުރުމުގެ ބިރު އުފެދިފައިވާކަމަށްބުނެ ޓްރާންސްޕޯޓް އޮތޯރިޓީގެ ފަންސާހަށްވުރެ ގިނަ މުވައްޒަފުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށްވަނީ ހުށަހަޅާފައެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާ މިޕެޓިޝަންގައި މުވައްޒަފުން ބުނެފައިވަނީ އެއޮތޯރިޓީން ގިނަ މުވައްޒަފުންތަކެއް ވަކިކުރަން އުޅެނީ ހާޒިރީގެ މައްސަލަތަކެއް ފެންމަތި ކުރުމަށްފަހުކަމަށެވެ. ނަމަވެސް އަނގަބަހުން ނުވަތަ ލިއުމުން ވެސް ކުރިން އިންޒާރެއް ނުދީ ވަގުތުން ފިޔަވަޅު އެޅުމަކީ އިންސާފެއް ނޫންކަމަށްވެސް މި ޕެޓިޝަންގައި ބުނެފައިވެއެވެ.