ޚަބަރު

މަރުކޮމިޝަނުން ހޯދާމީހާއާއި ގުޅޭގޮތުން އިމިގްރޭޝަނުން ދެއްކި ވާހަކަތައް ދިމާނުވޭ - މަރުކޮމިޝަން


ގޮތްނޭގޭގޮތަށް ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މަރުތައް ތަޙްޤީޤްކުރުމަށް އުފައްދާފައިވާ ކޮމިޝަނުން ހޯދަން އިއުލާންކުރި މީހާ ހޯދުމަށް ދައުލަތުގެ މުއައްސަސާތަކުން 3 އަހަށްވުރެ ގިނަ ދުވަހު މަސައްކަތްކުރި އިރުވެސް އޭނާ ހޯދައި ނުފެނިފައިވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މ.ކުރިރުއްގެ، އިރުފާން ރުޝްދީއަކީ އެކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހޯދާނުފެނިފައިވާ މީހެއްކަމަށެވެ. މި މީހާއާއި ގުޅޭއެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރިނަމަ އެ މަޢުލޫމާތު އެ ކޮމިޝަނާއި ހިއްސާކުރުމަށް ވަނީ އެދިފައެވެ.

މިމީހާ ހޯދުމަށް 3 އަހަރާއި ބައިގެ މުއްދަތެއް މިހާރުވެސް ހޭދަވެފައިވާއިރު ދައުލަތުގެ މުއައްސަސާތަކަށް އޭނާ ހޯދިފައި ނުވާކަމަށް މަރުތައް ބަލާ ކޮމިޝަންން ބުނެފައިވެއެވެ. އެ ކޮމިޝަނުން ބުނީ 2015 ވަނަ އަހަރު އޭނާ ރާއްޖެދޫކޮށް ދިޔަފަހުން އައިސްފައިނުވާކަމަށް އިމިގްރޭޝަނުން ބުނެފައިވާކަމަށެވެ. ނަމަވެސް ސީސީޓީވީ ފުޓޭޖެއްގައި 2016 ވަނަ އަހަރު ޖޫންމަހު ހިނގައިދިޔަ މަރުގެ މައްސަލައެއްގެ ތެރޭގައި އޭނާ ހުއްޓާ ފެންނަކަމަށް މަރުކޮމިޝަނުން ބުނެއެވެ.

މަރުތައް ބަލާ ކޮމިޝަނުން އިރުފާން ރުޝްދީ ހޯދަން ޢިއުލާންކޮށްފައިވަނީ 3 ޖޫން 2016 ގައި ހިނގި މާރާމާރީއެއްގައި މަރާލި 14 އަހަރުގެ ފާތިރު މުޙައްމަދު ޢަލީގެ މަރުގެ މައްސަލައިގައި ކަމަށް މަޢުލޫމާތުލިބެއެވެ. ފާތިރުގެ މަރުގެ މައްސަލައިގައި އިރުފާން ރުޝްދީ ހޯދުމަށް 2016ވަނަ އަހަރު ފުލުހުންވެސް ވަނީ އިޢުލާނުކޮށްފައެވެ. ނަމަވެސް މިހާތަނަށް އޭނާއާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ފުލުހުންނަށްވެސް ލިބިފައެއްނުވެއެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތަޙްޤީޤުކުރާ މައްސަލައަކާ ގުޅިގެން މިއަހަރު ސެޕްޓެމްބަރު މަހުގެ 16ވަނަ ދުވަހުވެސް ވަނީ ވޯޑިއޯއެއް އާންމުކޮށް މީހަކު ހޯދުމަށް އިޢުލާންކޮށްފައެވެ.

ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ރަހީނުކޮށް މަރާލި މައްސަލައިގައި އެކޮމިޝަމިޝަނުން ގެންދަނީ ފުލުހުންނާ ގުޅިގެން ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން މިހާތަނަށް އެކޮމިޝަނުގެ ބޭނުމަށް މާލެއާއި އައްޑޫ ސިޓީގެ ބައެއް ގެތަކާއި ބައެއް ތަންތަން ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސް ކޮށްފައިވެއެވެ.