ކުޅިވަރު

ޗެމްޕިއަން ޓީސީ ދެ މެޗުންވެސް ބަލިވެ ފައިނަލާއި ދުރަށް


އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ދެ މެޗުން ބަލިވެ މުބާރާތުން ކަޓައިފިއެވެ.

ބަންގަލަދޭޝްގައި މިހާރު ކުރިޔަށްދާ ޝައިޚްކަމާލް އިންޓަނޭޝަލް ކަޕުގައި ޓީސީ ކުޅުނު ދެވަނަ މެޗުންވެސް ބަލިވީ އިންޑިޔާގެ މޯހަންބަގާންއާ ވާދަކޮށް 2-0 ލަނޑުންނެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ދެކޮޅަށް އިންޑިޔާގެ މޯހަން ބަގާންއިން ވަނީ މެޗު ފަށައިގެން ފުރަތަމަ މިނިޓްތެރޭގައި ލަނޑުޖަހާފައެވެ. އެންމެ ފަހުން މުބާރާތާ އަޅާބަލާއިރު މިފަހަރު ޓީސީ ވާދަކުރަންޖެހުނީ ނިސްބަތުން ވަރުގަދަ ޓީމްތަކާއެވެ. އެންމެފަހުން އެޓީމް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ވާދަކުރީ އަފްއާނިސްތާންގެ ޗެމްޕިއަން އާއި ނޭޕާލްގެ ޗެމްޕިއަން ޓީމާއެވެ. މުބާރާތުގެ ފުރަތަމަ މެޗު ޓީސީ ވަނީ ބަންގަލަދޭޝްގެ ޗިޓޮގޮންއާ ވާދަކޮށް 4-1 ލަނޑުން ބަލިވެފައެވެ.

ޓީސީ މުބާރާތާ ކުރިމަތިލީ އެޓީމްގެ ހެޑް ކޯޗު އާތިފް އިސްތިއުފާ ދިނުމުން އެޓީމުގެ އެސިސްޓެންޓް ކޯޗު އަހުމަދު އަހުސަންގެ އިރުޝާދުގެ ދަށުންނެވެ. މުބާރާތާ ކުރިމަތިލިއިރު މިސީޒަނަށް ޓީމާ އަލަށް ގުޅުނު ތަޖުރިބާކާރު ކީޕަރު މުހަންމަދު އިމްރާންވަނީ ޓީމުން ވަކިވެފައެވެ. ޓީސީ މުބާރާތުގައި ވާދަކުރަނީ ގުރޫޕް އޭގައިއެވެ. މިގްރޫޕްގައި ދެންވާދަކުރަނީ ބަންގްލަދޭޝްގެ ޗިޓޮގޮންނާއި އިންޑިޔާގެ މޯހަންބަގާންއާ ލާއޯސް ޗެމްޕިއަން ޔަންގް އިލެފެންޓްސްއެވެ. ގުރޫޕްސްޓޭޖްގެ ފަހު މެޗުގައި އަންނަ ހުކުރުދުވަހު ޓީސީ ނުކުންނާނީ ލާއޯސްގެ ޗެމްޕިއަން ޔަންގްއިލެފެން އެފްސީއާ ދެކޮޅަށެވެ.