"ޖަޕާން-މޯލްޑިވްސް ޕާލަމެންޓޭރިއަންސް ފްރެންޑްޝިޕް ލީގް" ގެ މުހިންމު އެއް ބޭނުމަކީ ދެޤައުމުގެ މެދުގައި އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޖަޕާން-މޯލްޑިވްސް ޕާލަމެންޓޭރިއަންސް ފްރެންޑްޝިޕް ލީގުގެ ފަރާތުން ޓޯކިޔޯގެ އިންޕީރިއަލް ހޮޓެލްގައި މިއަދު ބޭއްވެވި ހެނދުނުގެ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފްރެންޑްޝިޕް ލީގުގެ މަސައްކަތްތަކަށް ތަޢުރީފުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފްރެންޑްޝިޕް ލީގަކީ ޖަޕާނުގެ ވެރިކަން ހިންގާބާރާއި ޤާނޫނުހެދުމުގެ ބާރާއި އަދި އެމްބަސީ މެދުވެރިކޮށްވެސް، ރާއްޖެއިން އެންމެ މުހިންމުކަންދޭ ކަންކަން ޖަޕާނުގެ ސަރުކާރުގެ އެކި ފަންތިތަކުގެ ފަރާތްތަކާ ހަމައަށް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފްރެންޑްޝިޕް ލީގަކީ ހަމައެކަނި ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ ބައެއް ނޫންކަމާއި އެއީ ވަކި އަމާޒުތަކެއް ހާޞިލުކުރުމަށް މަސައްކަތްކުރާ ބައެއްކަންވެސް ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ކުރިޔަށްދަނީ ރާއްޖެއަށް ތަރައްޤީ ގެނައުމުގެ އެޖެންޑާއަކާއި އެކުގައިކަމަށާއި އެކަމުގައި އެކުވެރި ޤައުމުތަކާއި ޖަމާޢަތްތަކުގެ އެހީތެރިކަން ރާއްޖެއަށް ބޭނުންވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ޖަޕާނުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޖަޕާނަކީ ރާއްޖޭގެ އިޤްތިޞާދު ޒަމާނާއެއްގޮތަށް ބަދަލުވުމުގެ މަރުޙަލާގައި ރާއްޖެއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން މަދުޤައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ޤައުމުކަށެވެ. އެގޮތުން ޖަޕާނުން ރާއްޖޭގެ ޞިއްހީދާއިރާއާއި، ހަކަތައިގެ ދާއިރާއާއި، ތަޢުލީމު އަދި ކާރިސާތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅުތައް އެޅުންފަދަ އެތައްދާއިރާއަކުން ޖަޕާނުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން "ޖަޕާން-މޯލްޑިވްސް ޕާލަމެންޓޭރިއަންސް ފްރެންޑްޝިޕް ލީގް"އާ ގުޅިގެން ޖަޕާނާއި ރާއްޖޭގެ ގުޅުން އިތުރުދާއިރާތަކުން ބަދަހިކުރެއްވުމަށާއި މިހާރު ގުޅުން ބަދަހިކުރެވިފައިވާ ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.