ޚަބަރު

ގްރީން އަކީ ދެވަނަ ޑިވިޝަނަށް ވެއްޓެންވާނެ ޓީމެއް ނޫން: ނިޝްތާރު


  • މެނޭޖްމަންޓުން މިހާރަށްވުރެ ބޮޑަށް ކުޅުންތެރިންނަށް އަޅާލަންޖެހޭ

  • އަލުން އަނބުރާ ފުރަތަމަ ޑިވިޝަނަށް އައުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ

ކްލަބް ގްރީން ސްޓްރީޓްސް އަކީ ދެވަނަ ޑިވިޝަނަށް ވެއްޓެން ޖެހޭ ޓީމެއް ނޫންކަމަށާއި މެނޭޖްމަންޓުން މިހާރަށްވުރެ ބޮޑަށް ކުޅުންތެރިންނަށް އަޅާލަންޖެހޭކަމަށް، ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު، ޢަލީ ނިޝްތާރު ބުނެފިއެވެ.

ދިވެހި ޕްރެމިއަރ ލީގު ކޮލިފައިންގ ގައި ރޭ ގދ.ގައްދޫ އާ ބައްދަލުކުރި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ނިޝްތާރު ބުނީ، ދެވަނަ ޑިވިޝަނުން އަލުން އަނބުރާ ފުރަތަމަ ޑިވިޝަނަށް އައުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށާއި ނަމަވެސް އެކަމަށް ރަނގަޅަށް މަސައްކަތްކޮށްފިނަމަ އެއީ ނުވާނެ ކަމެއް ނޫންކަމަށެވެ.

ނަމަވެސް، ނިޝްތާރު ވަނީ މިހާރު ތިބި ކުޅުންތެރިން ދެވަނަ ޑިވިޝަން ކުޅެން ކުލަބުގައި މަޑު ނުކުރާނެ ކަމާއި އެހެން ޓީމުތަކުން އެ ކުޅުންތެރިން ގެންދާނެކަން ފާހަގަކޮށްފައެވެ. ނިޝްތާރު ބުނީ، އޭނާވެސް ހިމެނޭހެން ގްރީން ސްޓްރީޓްސްއަށް މި ސީޒަނުގައި "ހަމަ ނުވީ" ކަމަށެވެ.


"އަޅުގަނޑަށް ހިއެއްނުވޭ މިކުދިން ތިބޭނެހެނެއްވެސް. ހަމަ އެހެން ޓީމުތަކަށް ގެންދާނެ. ގްރީން ސްޓްރީޓްސްއަށް ދެން މި ސީޒަނުގައި ހަމަ ނުވީއޭ އަޅުގަނޑަށް ދަންނަވަން ޖެހޭނީ، އަޅުގަނޑުވެސް ހިމެނޭ ގޮތަށް، ދެއްތޯ. ދެން ސެކަންޑުން ފަސްޓަށް އެރުމަކީ ހަމަ ވަރަށް އުނދަގޫ ކަމެއް. އެހެންވީމަ އެއަށް ވަރަށް ބޮޑު އެފޯޓެއް ލައިގެން ނުކުރެވޭ ވަރު ކަމެއް ނޫން" ނިޝްތާރު ބުންޏެވެ.

ނިޝްތާރު ބުނީ ގްރީން އަކީ ދެވަނަ ޑިވިޝަނަށް ވެއްޓެންޖެހޭ ޓީމެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި ކުލަބުގެ މެނޭޖްމަންޓުން މިހާރަށްވުރެ ބޮޑަށް ކުޅުންތެރިންނަށް އަޅާލަންޖެހޭ ކަމަށެވެ.

"އަސްލު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ވެއްޓެންޖެހޭ ޓީމެއް ނޫން، ދެން އެހެންވީމަ އަސްލު ހަވާލުވެ ތިއްބެވި ބޭފުޅުން މިއަށްވުރެން ބޮޑަށް ޕްލޭޔަރުންނާ އަސްލު އަޅާލާން އެބަޖެހޭ." ނިޝްތާރު ބުންޏެވެ.

އަންނަ ސީޒަންގެ ދިވެހި ލީގު ކޮލިފިކޭޝަނާ ގްރީނުން ކުރިމަތިލީ މިދިޔަ ސީޒަންގެ 8ވަނަ ޓީމުގެ ގޮތުގައެވެ. ނަމަވެސް ކޮލިފިކޭޝަން ބުރުގައި މާ އެދެވޭ ނަތީޖާއެއް އެޓީމަށް ނެރެވިފައެއް ނުވެއެވެ. އެގޮތުން، ކޮލިފިކޭޝަންގެ 5 މެޗު ކުޅެ ނިމުނުއިރު ގްރީންއަށް ލިބިފައިވަނީ އެންމެ 2 ޕޮއިންޓެވެ.