ޚަބަރު

ހިޔާނާތުގައި ހިމެނޭ މީހުން ނަން އާއްމުކޮށް ފިޔަވަޅުއަޅަން ގޮވާލާ ކުއްލި މައްސަލައެއް


އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި، މަރުތަކުގައި ޝާމިލުވާ ފަރާތްތައް ހާމަކޮށް އެފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ސަރުކާރަށް އިލްތިމާސްކުރުމަށް ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހައަޅައިފިއެވެ.

ސަރުކާރު ހިންގާ އެމްޑީޕީއަށް ނިސްބަތްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ހުށަހެޅުއްވި މި ކުއްލި މައްސަލައަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ޝާމިލުވާ ފަރާތްތަކާއި، ގެއްލުވާލާފައި މީހުންނާއި މަރާލެވިފައިވާ މީހުންގެ ކަންކަމުގައި ޝާމިލްވާ ފަރާތްތައް ހާމަކޮށް އެފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ސަރުކާރަށް އިލްތިމާސް ކުރުމުގެ ގޮތުން ހުށަހަޅާފައިވާ ކުއްލި މައްސަލައެކެވެ.

ކުއްލި މައްސަލަ ހުށައަޅުއްވަމުން ޙަސަން ލަޠީފް ވިދާޅުވީ މިއީ އެމްޑީޕީން ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންނަށް ވި އެންމެ ބޮޑު ވައުދުކަމަށެވެ. އަދި މިމައްސަލަތައް ނުބެލި މިކަންކަމުގައި ޝާމިލުވާ ފަރާތްތައް މުޖުތަމައުގައި ދޫވެފައި ތިބިކަމީ ރައްޔިތުން ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި މިކަންކަން ބެލުމުގައި ދިވެހި ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިމައްސަލަ ތަކުގައި ޝާމިލުވާ ފަރާތްތައް ހިފާ ހައްޔަރުކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި ޤާނޫނީ ގޮތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން މަޖިލީހުގެ ތެރެއިން ލިބޭނެކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިމައްސަލަތައް ނުބެލި ލަސްވަމުންދާނަމަ އެމްޑީޕީގެ މެންބަރުންނާއި ދިވެހި ރައްޔިތުންގެ އިތުބާރު ގެއްލިގެން ދާނެކަމަށެވެ.

އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ޝާމިލުވާ ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ފަޑިޔާރުންނާއި، މަޖިލީހުގެ ބައެއް މެމްބަރުން ހިމެނޭކަމީ ކަންބޮޑުވާކަމެއްކަމަށްވެސް ޙަސަން ލަޠީފް ވިދާޅުވިއެވެ. އަދި މިފަރާތްތަކުގެ މައްސަލަ ކަމާބެހޭ ފަރާތްތަކުން ބަލައި ފިޔަވަޅު އެޅުމުގެ ކުރިން އަމިއްލައަށް އިސްތިއުފާ ދެއްވުމަކީ އެންމެ ރަނގަޅުގޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުންވަނީ ގޮތް ނޭނގޭ 29 މަރެއް ރާއްޖޭގައި ހިނގާފައިވާއިރު، އެކަން ހިނގި ގޮތް ބަލަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. ގޮތްނޭގޭ ގޮތަށް ގެއްލުވާލައި، މާރާލާފައިވާ ފަރާތްތަކުގެ އާއިލާތަކުން މިއަދުވެސް ތިބީ އެއާއިލާތަކަށް އިންސާފް ލިބޭނެ ދުވަހެއްގެ އިންތިޒާރުގަކަން ފާހަގަކޮށް، އެ އިންސާފާއި އަދުވެރިކަން ޤާއިމް ކުރުމަށް ޤައުމުގެ ވެރިކަމާއި ރައްޔިތުންގެ މަޖިލީހުގެ 65 މެމްބަރުންގެ ބޮޑު އައުލަބިއްޔަތެއް ރައްޔިތުން ދީފައިވާކަމަށްވެސް ވާހަކަ ދެއްކެވި މެމްބަރުން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ޕީޖީ ބިޝާމް ފާހަގަ ކުރައްވާ ބޭފުޅުންނަކީ ކޮބައިތޯ ބެލުމަށް ރައްޔިތުން ކެތްމަދުވެފައިވާ ކަމަށާއި، މި ދެ މައްސަލައިގައި ޝާމިލްވާ މީހުންނާ މެދުގައި ފިޔަވަޅު އެޅުމަށް ރައްޔިތުން އިންތިހާއަށް ބޭނުންވާ ކަމަށްވެސް މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރު ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ޖަލްސާއަށް ނޮޅިވަރަމް ދާއިރާގެ މެމްބަރުވެސް ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. ނަމަވެސް މިމައްސަލައަކީ ކުރިންވެސް މަޖިލީހަށް ހުށަހެޅި ބަހުސް ކުރެވިފައިވާ މައްސަލައަކަށްވުމުން މަޖިލިސް ރައީސްވަނީ މިމައްސަލަ ބަލައި ނުގަނެ ތަޅުމުން ބޭރުކޮށްލާފައެވެ.