އެމްޑީޕީގެ ލީޑަރޝިޕް އިންތިޙާބަށް ހުޅުވާލި ފުރުޞަތުގައި ޕާޓީގެ ނުފޫޒުގަދަ ދެ ބޭފުޅުން ޕާޓީގެ ނައިބް ރައީސްގެ މަޤާމަށް ކުރިމަތިލެއްވުމުން އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް އާއި ނައިބް ރައީސް އިންތިޙާބް ކުރުމަށް ބާއްވާ އެޕާޓީގެ ލީޑާރޝިޕް އިންތިޙާބް 22 ނޮވެމްބަރ ވާ ހުކުރު ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި އިންތިޙާބުގައި އެމްޑީޕީގެ ރައީސްގެ މަޤާމަށް ކުރިމަތިލައްވާފައިވަނީ އެޕާޓީގެ ރައީސްގެ މަޤާމު އެންމެ ފަހުންވެސް ފުރުއްވާފައިވާ މިހާރުގެ ރައްޔިތުންގެ މަޖިލީޙުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.
ރައީސް ނަޝީދަކީ އެމްޑީޕީ އުފެއްދުމުގައާއި، އެޕާޓީ ސިޔާސީ ވަރުގަދަ ޕާޓީއަކަށް ހެއްދެވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި އެއްބޭފުޅާކަމަށް އެމްޑީީޕީގެ ގިނަ އާންމު މެންބަރުން ޤާބޫލުކުރައްވައެވެ. އެމްޑީޕީގެ ތާރީޙުގައި ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި އެޕާޓީގެ އެންމެ ފުރަތަމަ ބޭފުޅަކީވެސް ރައީސް ނަޝީދެވެ.
އެމްޑީޕީގެ ލީޑަރޝިޕް އިންތިޙާބްގައި އެޕާޓީގެ ރައީސްކަމުގެ އާދައުރަކަށް ރައީސް ނަޝީދު ކުރިމަތިލެއްވުމާއެކު އެމަނިކުފާނަށް އެޕާޓީގެ ލީޑަރޝިޕްގައި ހިމެނި ވަޑައިގަންނަވާ ގިނަ ބޭފުޅުންނާއި އާންމު މެމްބަރުން ވަނީ ތާއީދުކޮށް، އެ މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ރައީސް ނަޝީދުކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައީސް ނަޝީދުގެ ކެމްޕެއިން ކުރަމުންދާއިރު އެމަނިކުފާނުވެސް ވަނީ ޕާޓީގެ އާންމު މެމްބަރުންނާއި މާލޭގައި ބައްދަލުކުރައްވާފައެވެ.
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ތަސައްރަފު ފުދިފައިވާ ސިޔާސީ ވަރުގަދަ ޕާޓީއެއްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއާއި ދިމާލަށް ސިޔާސީ ވާދަވެރި ހުރިހާ ޕާޓީއަކުން އަބަދުވެސް އަންނަނާކަމަށާ އެފަރާތްތަކުގެ އަމާޒަކީ ޕާޓީގެ އެތެރޭގައި ޚިލާފް އުފައްދައި ބައިބައި ކުރުންކަމަށެވެ. ނަމަވެސް އެކަން ކުރެވޭ ވަރަށްވުރެ އެމްޑީޕީ އޮތީ މާބޮޑަށްވެސް ވަރުގަދަކޮށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ލީޑާޝިޕް އިންތިޙާބުގައި ނައިބް ރައީސްގެ މަޤާމަށް ކުރިމަތިލައްވާފައިވަނީ ރައީސް އޮފީސް މިނިސްޓަރ މުހައްމަދު ޝިފާޒްއާއި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އެމްޑީޕީގެ އެންމެފަހުން ބޭއްވި އިންތިޙާބީ ނައިބް ރައީސްގެ މަޤާމުވެސް ފުރުއްވި ޝިފާޒު ވިދާޅުވީ އެ މަޤާމަށް އާދައުރަކަށް އޭނާ ވާދަކުރައްވަނީ ޕާޓީގެ ހަމަޖެހުމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ކަމަށެވެ. އެމްޑީޕީ އިދިކޮޅު ޕާޓީއަކަށްއޮވެ ޕާޓީގެ ނައިބް ރައީސްކަން ފުރުއްވަން ލިބުނު 5 އަހަރުގެ ދައުރުގައި ޕާޓީއަށް ޙިދުމަތް ކުރުމުގެ އެންމެ ބޮޑު ވާޖިބެއް އަދާކުރެއްވީ މަގުމަތީގައިކަމަށް ޝިފާޒް ވިދާޅުވިއެވެ. އަދި މިހާރު ވެރިކަމުގައި އޮވެ ޕާޓީ ހަރުދަނާކޮށް ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ރުކުރުވާލުމަކީ މި 5 އަހަރަށް އިންތިޙާބްވެއްޖެނަމަ އެންމެ ބޮޑު އަމާޒުކަމަށް ޝިފާޒް ވިދާޅުވިއެވެ.
ޝީފާޒްއާއި، ވާދަކުރައްވާ ރައްޔިތުންގެ މަޖިލިހުގައި އެންމެ ގިނަ ދުވަސްވީ އެއް މެމްބަރެއްގެ ގޮތުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމަކީ އެމްޑީޕީ އުފެއްދުމުގައިވެސް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އަދި މިއަދާއި ހަމަޔަށް އެމްޑީޕީގެ އިސް މަޤާމުތަކާއި ޕާލިމަންޓްރީ ގްރޫޕްގެ އެކި މަޤާމުތައް އޭނާވަނީ އަދާކުރައްވާފައެވެ. އެގޮތުން އެމްޑީޕީގެ ސެކްރެޓޭރިއަޓްގައި ހިމެނޭ ފަސް މެމްބަރުންގެ ތެރޭގައި އަސްލަމް ހިމެނިވަޑައިގެންނެވި އިރު، އެ ޕާޓީގެ އިންތިހާބާ ބެހޭ ޑިރެކްޓަރުކަންވެސް އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައެވެ.
އަސްލަމްވަނީ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަމާއި ލީޑަރުކަމުގެ މަޤާމުވެސް ފުރުއްވާފައެވެ. މަޑުމައިތި މިޒާޖެއްގެ އަސްލަމް ވިދާޅުވީ ޕާޓީގެ ނައިބް ރައީސްގެ މަޤާމަށް ވާދަކުރައްވާ ޝިފާޒް ބަލިކުރެވޭނެކަމަށެވެ. އަދި ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި އެމްޑީޕީގެ މިސްރާބް ހަމަމަގަށް އަޅުވައި ޕާޓީ ވަރުގަދަކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ.
އެމްޑީޕީގެ ލީޑާޝިޕް އިންތިޙާބްގައި ނައިބް ރައީސްގެ މަޤާމް ވާދަވެރިވެގެންދާނެކަމަށް ލަފާކުރެވޭއިރު، މި މަޤާމަށް ވާދަކުރައްވާ ދެބޭފުޅުންނަކީވެސް އެމްޑީޕީގެ ލީޑާޝިޕަށް ތަސައްރަފްފުދޭ ސިޔާސީ ވަރުގަދަ ދެބޭފުޅުންކަމަށް އެމްޑީޕީގެ އިސްބައެއް ބޭފުޅުން ސިފަކުރައްވައެވެ. އެމްޑީޕީގެ ލީޑަރޝިޕް އިންތިޙާބް ބޭއްވުމަށް ހަމަޖެހިފައިވަނީ 22 ނޮވެމްބަރ ވާ ހުކުރު ދުވަހުއެވެ.