ސިއްހަތު

އާއިލީ ޑޮކްޓަރުންގެ ޚިދުމަތް ތަޢާރަފްކުރުމަށް ތައްޔާރުވެފައި


އާއިލީ ޑޮކްޓަރުންގެ ޚިދުމަތް ތަޢާރަފްކުރުމަށް ބޭނުންވާ އިދާރީ ކަންކަން ނިމި ޚިދުމަތުގައި ތިބި މެޑިކަލް އޮފިސަރުންނާއި ސްޕެޝަލިސްޓުންގެ އަދަދު ހަތަރުސަތޭކަ ތޭވީހަށް އިތުރުކުރެވިފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.އެމިނިސްޓްރީން ބުނީ ކުރިން މެޑިކަލް އޮފިސަރުންނާއި ސްޕެޝަލިސްޓުންގެ ގޮތުގައި ތިބީ 312 ޑޮކްޓަރުންކަމަށެވެ. އަދި ވ. އަތޮޅު ފިޔަވާ އެހެންހުރިހާ އަތޮޅަކަށް އަންހެނުންގެ ޑޮކްޓަރެއް ހަމަޖައްސާފައިވާކަމަށެވެ.ހެލްތު މިނިސްޓްރީން ބުނީ އާއިލީ ޑޮކްޓަރުން ރަޖިސްޓްރީކުރުމާއި ސިއްޙީމައުލޫމާތު ރައްކާކޮށް ބަލަހައްޓާނެ ސިސްޓަމެއް ތައްޔާރުކުރެވިފައިވާކަމަށެވެ. އަދި މި ޚިދުމަތާއި ގުޅޭ ހޮސްޕިޓަލްތަކާއި އަމިއްލަ ކްލިނިކްތައް އާއިލީ ޑޮކްޓަރުންގެ އިންފޮރމޭޝަން ސިސްޓަމާއި ގުޅާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.އާއިލީ ޑޮކްޓަރުންގެ ޚިދުމަތް ނުދޭ ކްލިނިކަކުން އާސަންދައިގެ ޚިދުމަތް ނުދެވޭނެ ކަމަށާއި އާއިލީ ޑޮކްޓަރަށް ދެއްކުމަށް އަމިއްލަ ހޮސްޕިޓަލް ނުވަތަ ކުލިނިކުތަކުން އާސަންދައިން ދޭ އަދަދަށްވުރެ އިތުރަން ބަލިމީހާގެ އަތުން ނެގޭނީ ގިނަވެގެން ފަންސާސް ރުފިޔާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.ޕްރައިވެޓް ކްލިނިކްނިކްތަކުން އާއިލީ ޑޮކްޓަރުންގެ ޚިދުމަތް ދިނުމަށް ބައިވެރިވެވޭނީ އެކަމަށް އެދި ހެލްތު މިނިސްޓްރީއަށް ހުށަހަޅައި އެއްބަސްވުމެއް ހަދައިގެންނެވެ. އަދި އާއިލީ ޑޮކްޓަރުންގެ ޚިދުމަތަށް އެދޭ މީހުން ރަޖިސްޓްރީ ކުރާނީ އެ ކްލިނިކެއްގައި އާއިލީ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޑޮކްޓަރަކަށެވެ. އެގޮތުން ކޮންމެ ޑޮކްޓަރއަކަށް ރަޖިސްޓްރީ ކުރެވޭނީ ގިނަވެގެން 2500 މީހުންނަށް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.އެ މީހެއްގެ އާއިލީ ޑޮކްޓަރަށް ދެއްކުމަށް ފަހު ޚާއްސަ ޑޮކްޓަރަށް ދެއްކުމަށް ލަފާލިބިގެން ނޫން ގޮތަކަށް ޚާއްސަ ޑޮކްޓަރަށް ދައްކާ ބަލި މީހަކަށް އާސަންދައިގެ ޚިދުމަތެއް ނުލިބޭނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.