ޚަބަރު

ސީލައިފުން ރައީސް ޔާމީން އެކައުންޓަށް 15000 ޑޮލަރު ޖަމާކުރި މައްސަލަ އޭސީސީން ބަލަނީ


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ސީ ލައިފުން 15،000 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނުން ތަހުޤީގުކުރަން ފަށަފައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުޅުމާލެެއިން އިއުލާންކުރި މަޝްރޫއެއްގައި 3000 އެޕާޓްމަންޓް އެޅުމަށް ސީލައިފާއި ހަވާލުކުރީ 2014 ވަނަ އަހަރުގެ މާޗުމަހުގެ ތެރޭ ގައެވެ. އެއާއި އެކު އެކުންފުނިން ވަނީ އެޕާޓްމަންޓްތައް ވިއްކުމަށްކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައެވެ. އެގޮތުން ބައެއް މީހުންގެ އަތުން 50،000 ރުފިޔާ ވަނީ ނަގާފައެވެ. ބައެއް ފަރާތަކުން ޑައުންޕޭމަންޓުގެ ގޮތުގައިވެސް ބޮޑެތި އަދަދުން ފައިސާ ދައްކާފައިވާއިރު އެ ފައިސާ ނުލިބި އެ މައްސަލަ ވަނީ ބޮޑުވެފައެވެ.

އޭސީސީން ވިދާޅުވީ ފްލެޓް އެޅުމަށް ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާ ސީލައިފުން ރައީސް ޔާމީންގެ އެކައުންޓަށް 2014 ވަނަ އަަރުގެ މާޗުމަހުގެ ތެރޭގައި 15،000 ޑޮލަރު ޖަމާކޮށްދީފައިވާ މައްސަލަ އެ ކޮމިޝަނުން ތަހުޤީޤުކުރަމުން އަންނަކަމަށެވެ. އެހެންނަމަވެސް އެ މައްސަލައިގެ ތަފުސީލެއެއް އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ.

ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ހިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ ދުއިސައްތަ ވުރެ ގިނަ މީހުންވަނީ އެ ކުންފުންޏާއި ދެކޮޅަށް ސިވިލްކޯޓްގައި ދައުވާކޮށްފައެވެ. މި މައްސަލާގައި ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްކަށް ބަދަލު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި އެ މައްސަލަވަނީ ހައްލުކޮށްފައެވެ.

ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި 3000 ފްލެޓް އެޅުމަށް ސީ ލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓުން އެނގެއެވެ.

ސީލައިފުން ބުނެފައިވަނީ އެކުންފުނީގެ އެމްޑީ އަހްމަދު މޫސާ މުހައްމަދު ކުރީގެ ރައީސް ޔާމީންގެ އެކުންޓަށް ޖަމާކުރި ފައިސާއަކީ އަހްމަދު މޫސާ މުހައްމަދުގެ ކާރެއް ރައީސް ޔާމީންގެ ހަރަދުގައި މަރާމާތުކޮށްދީފައިވާތީ އެ ފައިސާކަމަށެވެ.

މަކަރާ ޙީލަތުގެ މައްސަލާގައި ފުލުހުން އަންނަނީ ސީލައިފުގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު ހޯދުމުންނެވެ. އަދި އޭނާ ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސްވެސް ވަނީ ނެރެފައެވެ.