ކުޅިވަރު

ޒޯން 6 ގެ ޗެމްޕިއަންކަން ލ.ގަމަށް، ޒޯން 8 ގެ ޗެމްޕިއަންކަން މާފަންނަށް


ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ ގޯލްޑެން ފުޓްސަލް ޗެލެންޖްގެ ޒޯން 6 ގެ ޗެމްޕިއަންކަން ލ.ގަން ހޯދިއިރު ޒޯން 8 ގެ ޗެމްޕިއަންކަން މާފަންނު ހޯދައިފިއެވެ.

މުބާރާތުގެ ޒޯން 6 ގައި ލ.ގަން 3 މެޗު ކުޅުނުއިރު، އެޓީމު ވަނީ 2 މެޗު ކާމިޔާބުކޮށް 1 މެޗުން އެއްވަރުވެފައެވެ. ޒޯން 6 ގެ ޗެމްޕިއަންކަން ލ.ގަން ހޯދީ ޒޯން ބުރުގެ ފަހު މެޗުގައި ރޭ ގއ.ކޮނޑޭގެ މައްޗަށް 0-10 ގެ ބޮޑު ތަފާތަކުން މެޗު ކާމިޔަބުކޮށްގެންނެވެ. މި މެޗުގައި ލ.ގަމުން ޖެހި 10 ލަނޑުގެ ތެރެއިން 5 ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު މުސްލިހްއެވެ. އަނެއް ލަނޑުތައް ކާމިޔަބުކޮށްދިނީ، ހުސައިން ޝަރީފް، އަލީ ޝާމިސް އަދި ހުސައިން ނާޝިދުއެވެ. މި މެޗުގައި ކޮނޑޭ ޓީމުގެ ނަސްރު މުހައްމަދު ދީދީގެ އަތުން ބައިކޮޅަށްވެސް ވަނީ ލަނޑެއް ވަދެފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ލ.ގަމަށް މި މެޗުގައި 5 ލަނޑު ކާމިޔާބުކޮށްދިން މުހައްމަދު މުސްލިހްއެވެ.

ޒޯން 6 ގައި ކުޅުނު މެޗުތަކުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމާއި، އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ލ.ގަމުގެ މުހައްމަދު މުސްލިހްއެވެ.

މުބާރާތުގެ ޒޯން 8 ގެ ޗެމްޕިއަންކަން މާފަންނު ހޯދި ޒޯން ބުރުގައި ކުޅުނު އެއްޗެސް މެޗަކުން ބަލިނުވެއެވެ. އެގޮތުން ކުޅުނު 3 މެޗުގެ ތެރެއިން 1 މެޗުން މޮޅުވިއިރު އަނެއް 2 މެޗު ނިމުނީ އެއްވަރުވެގެންނެވެ. ޒޯން ބުރުގެ ފަހު މެޗުގައި ރޭ މާފަންނު ނުކުތީ ހެންވޭރާއި ދެކޮޅަށެެވެ. މި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މި މެޗުގައި މާފަންނު ޓީމުގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، މުހައްމަދު އިމްރާން އަދި މުހައްމަދު ޔާފިއުއެވެ. ހެންވޭރު ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، ހުސައިން ފަޔާޒް، މުހައްމަދު ރިފްޢަތު އަދި ރިހާމް ޢަބްދުލްޢަނީއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ މާފަންނު ޓީމުގެ މުހައްމަދު އިމްރާންއެވެ.

ޒޯން 8 ގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ހުޅުމާލެ ޓީމުގެ ޢަބްދުﷲ ޝާފިއުއެވެ. އަދި އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ވިލިގިނލި ޓީމުގެ އަލީ ޝިޔާޒްއެވެ.

މުބާރާތުގެ ޒޯން 6 އަދި 8 ގައި ރޭ ދެން ކުޅުނު މެޗުތަކަށް ބަލާލާއިރު ޒޯން 6 ގައި ގއ.ދާންދޫއާއި މަޑަވެލި ބައްދަލުކުރި މެޗު ނިމުނީ 2-2 އިން ދެޓީމުވެސް އެއްވަރުވެގެންނެވެ. މި މެޗުގައި ދާންދޫ ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޢަބްދުލްސައްތާރު އަދި އިސްމާއިލް ނަސީރުއެވެ. މަޑަވެލި ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ނާއިފް ޝަފީގް އަދި ފާއިގް ޝަފީގްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ނާއިފް ޝަފީގްއެވެ.

މުބާރާތުގެ ޒޯން 8 ގެ ފަހު މެޗުގައި ބައްދަލުކުރީ ވިލިގިނލި އަދި ހުޅުމާލެއެވެ. މި މެޗު 2-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވިލިގިނލިއެވެ. މި މެޗުގައި ވިލިގިނލި ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އިސްމާއިލް ވިފާގް، ޢަބްދުﷲ މުޢާޒް އަދި އަލީ ޝިޔާހްއެވެ. ހުޅުމާލޭ ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ރައުޝަން އަދި ޢަބްދުﷲ ޝިފާއުއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ވިލިގިނލި ޓީމުގެ އަލީ ޝިޔާހްއެވެ.

މީގެ އިތުރުން މި މުބާރާތުގެ ޒޯން 1 ގެ ދެ މެޗެއްވެސް ރޭ ވަނީ ކުޅެފައެވެ. އެގޮތުން ހދ.ނާވައިދޫއާއި މުކުނުދޫ ބައްދަލުކުރި މެޗު 4-5 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނާވައިދޫއެވެ. މި މެޗުގައި ނާވައިދޫ ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އަޙުމަދު ހަމީދު، ޢަބްދުﷲ ވިސާމް އަދި މުހައްމަދު ނާާޝިދުގެ އިތުރުން އިސްމާއިލް ވަހީދުއެވެ. މަކުނުދޫ ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ޖުނާން ޢަބްދުލްމަޖީދު، ސަމްއޫން ޢަބްދުﷲ އަދި ޝައިބާން އަޙުމަދުއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ނާވައިދޫ ޓީމުގެ ޢަބްދުﷲ ވިޝާމްއެވެ.

ޒޯން 1 ގައި ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ އިހަވަންދޫއާއި ގޮއިދޫއެވެ. މި މެޗު 2-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ގޮއިދޫއެވެ. މި މެޗުގައި ގޮއިދޫ ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ރިފާޒް، ހުސައިން ނަސީމް އަދި މުހައްމަދު ޝައުފާންއެވެ. އިހަވަންދޫ ޓީމުން ޖެހި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ސަމީރުއެވެ.

މިދިޔަ މަހުގެ 15 އިން މިމަހުގެ 18 ގެ ނިޔަލަށް ހުޅުމާލޭގައި ކުރިޔަށްގެންދާ މި މުބާރާތުގެ ޒޯން ބުރުގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރެއެވެ.