މިސަރުކާރު އައިފަހުން ބޭރު ޤައުމުތަކުން ރާއްޖެއަށް 3.2 ބިލިއަން ރުފިޔާގެ އެހީ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވީ މިސަރުކާރުން ގުޅުން ބަދަހިކުރަނީ ސަރަޙައްދީ ޤައުމުތަކާ އެކަނި ނޫންކަމަށާ، މެދުއިރުމައްޗާއި ޔޫރަޕްގެ ޤައުމުތަކާވެސް ގުޅުން ބަދަހިކޮށްފައިވާކަމަށެވެ. އަދި އެޤައުމުތަކުން ރާއްޖެއަށް މިހާތަނަށް 3.2 ބިލިއަން ރުފިޔާގެ އެހީ ލިބިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވަނީ އިންޑިއާއިން ދިން މާލީ އެހީއާއި ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރ ވިދާޅުވީ އިންޑިއާއިން ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ ބޭނުންކުރަން ނިންމާފައިވަނީ ޢުމްރާނީ ބޮޑެތި މަޝްރޫޢުތައް ނުވަތަ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްސް، ޕީއެސްއައިޕީއަށް ކަމަށެވެ. ނަމަވެސް އެ ކްރެޑިޓް ލައިން މިހާތަނަށް ބޭނުންކޮށްފައިނުވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
"ނޮވެމްބަރ 2018 ފެށިގެން ސަރުކާރަށް ޓޯޓަލް ގްރޭންޓްގެ ޢަދަދު އެބައަރާ 3.2 ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް އަޅުގަނޑުމެން ގުޅުން ބަދަހިކުރަމުން މިދަނީ އިންޑިއާއާއި އެކު ނޫން. މެދުއިރުމައްޗާއި، ޔޫރަޕްގެ ޤައުމުތަކާއި އމެރިކާގެ ޤައުމުތަކާވެސް ގުޅުން ބަދަހިކުރަމުން ގްރޭންޓްގެ ގޮތުގައި އެހީ ލިބިފައިވޭ." މިނިސްޓަރ ވިދާޅުވިއެވެ.
މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ ސޮވެރިންގޑިވެލޮޕްމަންޓް ފަންޑްވެސް އިތުރުވެފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ސޮވެރިން ފަނޑުގައި ހުރީ 96.3 މިލިއަން ޑޮލަރުކަމަށާއި، ނަމަވެސް މިހާރު 181 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަމަށެވެ. މިނިސްޓަރ ވަނީ ސޮވެރިންގ ޑިވެލޮޕްމަންޓް ބިލެއްވެސް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެކަމަށް ވިދާޅުވެފައެވެ.
މިސަރުކާރުން މިހާތަނަށް ހިންގާފައިވާ މަޝްރޫޢުތަކާއި ގުޅޭގޮތުން މެންބަރުން ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ، ސަރުކާރުން ބަޖެޓް ކޮށްފައިވާ މަޝްރޫޢުތައް ބަޖެޓާ އެއްގޮތަށް ކުރިއަށްދާކަމަށެވެ. އެގޮތުން މިހާތަނަށް 46 މަޝްރޫޢުއެއް ނިމިފައިވާކަމަށާއި، ޓެންޑަރކޮށް ޢަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައި 136 މަޝްރޫޢު އޮތްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެ މަޝްރޫޢުތަކުގެ އަގު 3.8 ބިލިއަން ރުފިޔާއަށް އަރާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.