ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިހާރު ކަންތައްތައް ދާގޮތަށް ބަލާއިރު، ލީގުގެ ތިންވަނަ ބުރު އޮންނާނެކަމާއިމެދު ސުވާލު އުފެދޭކަމަށް ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.
ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި ކުޅޭ ފުރަތަމަ މެޗުގައި ކްލަބް އީގަލްސްއާއި ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޯޗު ސުޒޭން ބުނީ، މިހާރު ކަންތައްތައް ދާގޮތުން ލީގުގެ ބުރެއް މަދުކޮށްފާނެކަމަށާއި، ސަބަބަކީ މިހާ ބޮޑެތި ބްރޭކްތައް އައުންކަމަށެވެ. ސުޒޭން ބުނީ މިއަހަރުގެ ލީގު ޝެޑިއުލާއި އެއްގޮތަށް ކުރިޔަށް ނުގޮސްދާނެކަމަށާއި، މިދިޔަ ސީޒަންގައިވެސް ކުޅެން ރާވަފައި އޮތް ދެ މުބާރާތް ފަހުން ކެންސަލް ކުރީކަމަށެވެ.
ސުޒޭން ބުނީ ވަކި ބުރަކަށް ޓާގެޓްކޮށްގެން މަސައްކަތްކުރެވޭ ވަރަށް ވުރެއް ބޮޑަށް ލީގު އޮތީ އުނދަގޫ ހާލަތެއްގައިކަމަށާއި، އެގޮތުން ކުރިޔަށް އޮތް މެޗު ކުޅެފައި އަނެއްކާ އަންނަ މަހުގެ 16 އާއި ހަމައަށް ލީގު ބްރޭކްވާނެކަމަށެވެ. އަދި ބްރޭކަށްފަހު ދެ މެޗު ކުޅެ އަނެއްކާވެސް 27 އޮކްޓޯބަރ އިން 12 ޑިސެމްބަރ އަށް ލީގުގެ ކުޅުން މެދު ކެނޑޭނެކަމަށެވެ.
ސުޒޭން ބުނީ މިހާ ބޮޑެތި ބްރޭކްތައް އަންނާތީ ޓީމުގެ ފަރިތަކުރުންތައްވެސް ކުރިޔަށްގެންދަން ޖެހެނީ ޕްރީ ސީޒަން ސްޓައިލަށްކަމަށާއި، އެކަމުގެ ސަބަބުން ކުޅުންތެރިންނަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭކަމަށެވެ.
"މިހާރު މި ދާގޮތުން އަނެއްކާ ބުރެއް މަދުވެސް ކޮށްފާނެ. އެއީ ވަރަށް ބޮޑެތި ބްރޭކް އެބަ އާދޭ. އެހެންވީމަ ލީގު އޮތް ޝެޑިއުލާއި އެއްގޮތަށް ނުގޮސްދާނެ. މިދިޔަ އަހަރުވެސް ހަަމަ އެގޮތަށް ވެގެންގޮސް ދެ މުބާރާތެއް ނުވެސް ބާއްވާ"، ސުޒޭން ބުންޏެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އެންމެ ފަހުން ޔޫވީ އަތުން ހޯދި ބޮޑު މޮޅާއެކު ގްރީން ސްޓްރީޓްސް އޮތީ ލީގުގެ ދެވަނައިގައެވެ. ގްރީން ސްޓްރީޓްސް އަށް ފުރަތަމަ ބުރުގެ އަށް މެޗުން ލިބުނީ 15 ޕޮއިންޓެވެ. އެއް ވަނައިގައި އޮތް މާޒިޔާ އަށް މެޗުން ލިބުނީ 20 ޕޮއިންޓެވެ. އަދި ތިންވަނައިގައި ކްލަބް އީގަލްސް އޮތީ ކުޅުނު 8 މެޗުން ލިބުނު 14 ޕޮއިންޓާއެކުއެވެ.