އެމްއެންޔޫއެސްޔޫ ފުޓްސެލް ފިއެސްޓާގެ ފިރިހެން ޑިވިޝަންގެ ކުއާޓަރ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން މެޕްސް ކޮލެޖް ދަތުރުކޮށްފިއެެވެ.
ޗެމްޕިއަން މެޕްސް ކޮލެޖް މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި އެފްއެލްއައިއެސް ވާދަކޮށް 6-4ން މެޗު ކާމިޔާބުކޮށްގެންނެވެ. ގުރޫޕް ސީން މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގަ ކަށަވަރު ކުރި ދެވަނަ ޓީމަކީ އެވިޑް ކޮލެޖެވެ. މި ދެ ޓީމުންވެސްވަނީ ހަ ޕޮއިންޓް ހޯދައިފައެވެ.
މުބާރާތުގެ އަންހެން ޑިވިޝަނުގައި ގުރޫޕް އޭންވަނީ ސައިރެކްސް ކޮލެޖާއި އެފްއެލްއައިއެސް ކުއަޓަރ ފައިނަލުން ޖާގަ ހޯދައިފައެވެ. މުބާރާތުގެ އަންހެން ޑިވިޝަނުގައި ގުރޫޕް ސީގައި އެމްއެންޔޫބީއެސްއާއި އެވިޑް ބަދަލުކުރި މެޗު އެއްވަރުވުމުން އެ ގުރޫޕުގައި ހިމެނޭ އެމްއައި ކޮލެޖުވަނީ ކުއާޓަރ ފައިނަލުން ޖާގަ ހޯދާފައެވެ.
ރާއްޖޭގެ މަތީ ޘާނަވީ ދާއިރާއަށް އަމާޒުކޮށް ބޭއްވޭ އެންމެ ބޮޑު ކުޅިވަރު ޙަރަކާތް އެމްއެންޔޫއެސް.ޔޫގެ ފުޓްސެލް ފިއެސްޓާ ދެހާސް 2013ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ބާއްވާފައިވާއިރު، މި މުބާރާތް ހުޅުވާލެވިފައިވަނީ އެމްއެންޔޫގެ ފެކަލްޓީތަކާއި ރާއްޖޭގެ ކޮލެޖުތަކަށެވެ.
މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުންނެވެ. މި މަހުގެ 27ގެ ނިޔަލަށް ކުރިޔަށްދާ މުބާރާތުގެ މެޗުތައް ކުޅެނީ ކޮންމެ ހަފުތާ ބަންދެއްގެ ހަވީރާއި ރޭގަނޑުގައެވެ.