ޚަބަރު

ޘަޤާފީ ހަރަކާތްތަކާއެކު ރައީސަށް މަނަދޫއިން ހޫނު މަރުހަބާއެއް


މިލަދެކުނު އަދަބީ ޢީދުގެ ނިމުން ފާހަގަކުރުން ޝަރަފްވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރީ މަނަދުއަށް ވަޑައިގަތުމުން ޘަޤާފީ ހަރަކާތްތަކާއެކު އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަނަދުއަށް ވަޑައިގަތުމުން އެންމެ ފުރަތަމަ އެމަނިކުފާނަށް މަރުހަބާ ދެންނެވީ ކަނބަލުންގެ ކުރުފަލި ޖެހުމުގެ ފަރި ހަރަކާތްތަކާއެކުގައެވެ. ޢީދުގައި ބައިވެރިވި ފަރާތްތަކާއި މަނަދޫގެ ރައްޔިތުންގެ ފަރާތުން ހޫނު މަރުހަބާއެއް އެމަނިކުފާނަށް ދަންނަވާފައިރު ކަނބަލުންގެ ދިގު މަގު ހިނގުމާއި ދަފިނެގުމުގެ ޘަޤާފީ ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މިލަދެކުނު އަދަބީ ޢީދުގެ ނިމުން ޝަރަފްވެރިކޮށްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މަނަދުއަށް ވަޑައިގެންވިއިރު އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އަދަބީ ޢީދަކީ ދިވެހިބަހާއި އަދަބިއްޔާތާއި ތާރިޚަށް ދަރިވަރުންނާއި ޢާންމުން ހޭޅުންތެރިކުރުވާ އެކަންކަމަށް އޮންނަ ޝަޢުޤާއި ލޯބި އިތުރުކުރުމުގެ މަޤްޞަދުގައި ދިވެހިބަހުގެ އެކެޑަމީން ކޮންމެ އަހަރަކު ކުރިއަށްގެންދާ އަދަބީ ހަރަކާތެކެވެ. މިއީ އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލް ދަރިވަރުން ބައިވެރިވާގޮތަށް ކުރިއަށް ގެންދާ ޤައުމީ ހަރަކާތެކެވެ.

މިއަހަރުގެ އަދަބީ ޢީދުގައި ނ.އަތޮޅުގެ 10 ރަށެއްގެ 10 ސްކޫލުން ޖުމްލަ 200 އަށްވުރެ ގިނަ ދަރިވަރުންނާއި ޢާންމުންގެ ތެރެއިން 19 މީހުން ބައިވެރިވިއެވެ.

މި ހަރަކާތުން ވަނަވަނައަށް ދިޔަ ފަރާތްތަކާއި ސްކޫލްތަކަށް އިނާމުދިނުން އޮންނާނީ މިރޭ މަނަދޫގައި ބާއްވާ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.