ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، މާޅޮސްމަޑުލު އުތުރުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މީދޫ ކައުންސިލާއި އުނގޫފާރު ކައުންސިލާ ބައްދަލުކުރައްވައި އެ ރަށްރަށުގެ ކައުންސިލުން އެދުނުކަންކަން އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ފުރިހަމަކޮށްދެއްވާނެކަމަށް ވިދާޅުވެއްޖެއެވެ.
މި ދަތުރުފުޅުގެ ތެރެއިން މީދޫއަށް ވަޑައިގެން އެރަށު ސްކޫލްގައި މީދޫ ކައުންސިލާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި މުއައްސަސާތަކާ ގާތުން ބައްދަލުކުރެއްވުމުގެ އެންމެބޮޑު ބޭނުންފުޅަކީ ކައުންސިލާއި ރައްޔިތުންނާއި ރަށުގެ ކުރިއެރުމާއި ތަރައްޤީއާ ގުޅުންހުރި ކަންކަން ގާތުން ބެއްލެވުންކަމަށް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާއިރު ބަޖެޓުގައި ހިމެނުމަށް ކައުންސިލުތަކާއި މުއައްސަސާތަކުން ބޭނުންވާ ކަންކަމާއި އެކަންކަން ކުރިއަށް ގެންދިއުމުގައި އެބޭފުޅުން އިސްކަންދެއްވާ ތަރުތީބު އޮޅުންފިލުއްވައި މަޝްވަރާ ކުރެއްވުމަކީ މުހިންމު ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.
ލާމާރުކަޒީ ޤާނޫނަށް ގެންނަވާ އިސްލާޙުތަކާއެކު ކައުންސިލުތަކަށް ލިބިގެންދާ ބާރުތަކާއި ކަންކަން ކުރިއަށްގެންދިއުމަށް ލިބޭނެ ފަސޭހަތަކުގެ މަޢުލޫމާތު ޙިއްޞާކުރެއްވުމާއި މިއިޞްލާހުތަކާއެކު ކައުންސިލުތަކުން އަދާކުރަންޖެހޭ ޒިންމާތަކުގެ މަޢުލޫމާތު ކައުންސިލުތަކާ ޙިއްޞާކުރެއްވުމަކީވެސް މިބައްދަލުކުރެއްވުމުގެ އެއް ބޭނުންފުޅުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ކައުންސިލަރުންނާއި މުޢައްސަސާތަކުގެ އިސް ބޭފުޅުން ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުންހުރި ކަންކަމާއި ރަށުގެ ތަރައްޤީއަށް ހުރި ދަތިތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ރަށުގެ ޞިއްޙީ މަރުކަޒު ތަރައްޤީކުރުމާއި ކުނީގެ މައްސަލަ ޙައްލުކުރުމާއި ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ ދަތިކަމުގެ އިތުރުން ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތަކާބެހޭ މަޢުލޫމާތު ކައުންސިލަރުންނާއި މުއައްސަސާތަކުގެ އިސް ބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވިއެވެ.
މީގެ އިތުރުން އުނގޫފާރު ކައުންސިލަރުންނާއި މުއައްސަސާތަކުގެ އިސް ބޭފުޅުންނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކާއި އެރަށުގެ ތަރައްޤީގެ އެކިއެކި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި އުނގޫފާރު ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ރަށުގެ ނެރުބައްތި އެހެން ދިމާއަކަށް ބަދަލުކުރުމުގެ މުހިންމުކަމާއި، ރަށުގެ މަގުހެދުމުގެ މަޝްރޫޢާއި ފެނުގެ ނިޒާމު ޤާއިމުކޮށްފައި ވީނަމަވެސް ފެނުގެ ޚިދުމަތް ދޭން ފަށާފައި ނުވާތީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެންނެވިއެވެ.
މީގެއިތުރުން ރަށުގައި ތަރައްޤީކުރާ އިސްލާމީ މަރުކަޒުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ނަމާދުކުރެވޭނެ އިންތިޒާމެއް ޤާއިމު ކުރުމަށް ބޭނުންވާކަމާއި އިތުރު ވަޞީލަތްތަކާއެކު ހޮސްޕިޓަލް ތަރައްޤީކުރުމާއި ރަށުގެ ބިމުގެ ދަތިކަމާއި ރަށަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ބޭނުންވާކަންވެސް ކައުންސިލުން ދެންނެވިއެވެ.
މި ބައްދަލުކުރެއްވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އުނގޫފާރާއި، މީދޫގެ ކައުންސިލާއި މުއައްސަސާތަކުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތަކާއި ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ފެށޭނެކަމަށް ލަފާ ކުރެއްވޭ ތާރީޚުތައް ޙިއްޞާކުރެއްވިއެވެ. މީގެއިތުރުން ކައުންސިލާއި މުޢައްސަސާތަކުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.